ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެ: ރައީސް މައުމޫން

ދިވެހިރާއްޖޭގައި ވެރިކަންކުރަމުންދާ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި ދެކޮޅަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވާހަކަ ދައްކަވައިފިއެވެ.
ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅުގައި، 2007ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ވެރިކަންކުރާނީ ކޮން ނިޒާމަކުންތޯ ކަނޑައެޅުމަށް ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުނެވެ. އެ ވޯޓުން ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއްކަމަށް ކަނޑައެޅުނެވެ. ރައީސް މައުމޫނަކީ އެ އިންތިޚާބުގައި ރިޔާސީ ނިޒާމަކަށް ތާއިދުކުރައްވާ، ކެމްޕެއިން ކުރެއްވި ފަރާތެކެވެ.
އެ ވޯޓުގައި އެމްޑީޕީން އޭރު ކެމްޕެއިންކޮށްފައިވަނީ ބަރުލަމާނީ ނިޒާމެއް އޮތުމަށެވެ. ނަމަވެސް މިދިޔަ އަހަރު ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އޭރުގެ ސަރުކާރުން އެ ވޯޓުގެ ނަތީޖާ އޮޅުވާލިކަމަށް ވިދާޅުވެފައެވެ.
އިއްޔެގެ ވަގުތެއްގައި ރައީސް ނަޝީދު ވަނީ، ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމަށް ބޭނުންފުޅުވެވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދަންނަވާފައެވެ. އަދި ބޮޑުވަޒީރެއްގެ ގޮތުގައި ޚުދު އެމަނިކުފާނު ހުންނަވަން ބޭނުންވާކަމަށްވެސް ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ، ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއްކަމަށެވެ. އަދި ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ