އައްޑޫގައި ހިންގާ ފްލައިން ސްކޫލްގެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ލަފާ ދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
އޭޝިޔަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އަށާއި އެ އެކެޑެމީގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ހުއްޓި، މި ފާއިތުވި ދުވަސްތަކުގައި ވަނީ އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫގައި ހިންގާ ފްލައިން ސްކޫލުގެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީން މެއިމަހުގެ 30 ވަނަ ދުވަހު ލަފަޔަކަށް އެދިފައިވާ ކަމަށެވެ. އަދި މެއި 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ޖަވާބު ދީފައިވާނެ ކަމަށް ރިއްފަތު ވަނީ ވިދާޅުވެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއަށް އޭޖީ ދެއްވި ލަފާގައި، މިމައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނާއި، މަތީ ތަޢުލީމާބެހޭ ޤާނޫނުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީއަށާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް އެޅިދާނެ ފިޔަވަޅުތައް ފާހަގަކޮށްފައިވާނެ ކަމަށް އެޓާނީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.
އައްޑޫގައި ގާއިމްކޮށްފައިވާ ފްލައިން ސްކޫލާއި ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނާއި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ، ހޯމަދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ހާޒިރުކޮށްފައެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަހުލާ ވަނީ، ދަރިވަރުންނަށް ކުރިމަތިވި މައްސަލަތައް ހައްލުކުރަން މިވަގުތު އެންމެ ބުއްދިވެރީ އޭއޭއޭގައި ދަރިވަރުން ތަމްރީނުކުރުން ކަމަށް ވިދާޅުވެފައެވެ.
ދެން އޮތް އޮޕްޝަނަކީ ދަރިވަރުންގެ ކިޔެވުމުގެ ބާކީ ބައި، ބޭރުގެ އެހެން ފްލައިން ސްކޫލަކުން ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ، އައްޑޫ ފްލައިން ސްކޫލުގައި މިހާރު ތިބި ދަރިވަރުންގެ ކިޔެވުން އެހެން ތަނަކުން ކުރިއަށް ގެންދާނަމަ މިކަމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާނެކަން ފާހަގަ ކުރައްވާފައެވެ.
އައްޑޫ ފްލައިން ސްކޫލުގައި މިހާރު ތިބި 211 ދަރުވަރުންނަށް 320 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން މިކަމަށް ލުއި ހޯދައިދީ، ދަރިވަރުންގެ ކިޔެވުން އެހެން ތަނަކުން ކުރިއަށް ގެންދިއުމަށް ހިތްވަރު ދިނުމަށް ސްޓޫޑަންޓް ލޯނުގެ ދަށުން ރާއްޖެއިން ބޭރުން ޕައިލެޓުކަން ކިޔެވުމުގެ ފުރުސަތު މިއަހަރު ހުޅުވާލިކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
އޭއޭއޭއިން، އެ އެކެޑަމީގައި ކިޔަވާ އެތައް ދަރިވަރެއްގެ ހައްގުތަކެއް ނިގުޅައިގަނެފައި ވާއިރު، މިކަމުގައި ޒިންމާ ވާންޖެހޭ ފަރާތް ދެނެގަނެ، އެ ފަރާތަކާމެދު ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ނިންމަވާފައެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ އާއި އެކައުންޓެބަލް މެނޭޖަރގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަންވެސް ރައީސް ވަނީ އަންގަވާފައެވެ.
އަދި ދަރިވަރުންގެ ކިޔެވުމަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުން އަންނާތީ އެލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
ފްލައިން ސްކޫލް މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ލަފާ ދީފިން: ރިއްފަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ