ކޮވިޑް-19: މިހާރު އިއުލާން ކޮށްފައިވާ ފިޔަވަޅުތަކަށް އެންމެން އަމަލުކުރަންޖެހޭ: ރައީސް މައުމޫން

އެމްއާރުއެމްގެ އިންތިގާލީ ރައީސް ރައީސް މައުމޫން، ރައީސް އިބްރާހީމް މުހައްމަދު ސާލިހާ، ސަލާމް ކުރައްވަނީކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކަށް އެންމެހާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 3 މީހަކަށް މާތްﷲ ޝިފާ ދެއްވި ކަމަށްޓަކައި އެކަލާނގެ އަށް ޙަމްދު ކުރައްވާ ކަމަށެވެ. އެއީ މާތްﷲ ދެއްވި މަތިވެރި ނިޢުމަތެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ. "މި މަތިވެރި ނިޢުމަތް ދެމެހެއްޓުމަށް މިހާރު އިޢުލާން ކޮށްފައިވާ ފިޔަވަޅުތަކަށް އެންމެން ޢަމަލު ކުރަންޖެހޭ،" މައުމޫން ވިދާޅުވެފައިވެއެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު ބައެއް މީހުންނަށް މާތްﷲ ގެ ރަހްމަތްފުޅުން ރަނގަޅުވެފައިވާތީ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމްދު ވެސް ވަނީ އެކަން ފާހަގަ ކުރައްވައިފައެވެ. އެމީހުންނަށް "ފަރުވާދިނުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރީންނަށް އައްސަރިބަހާއި ސާބަސް. މާތްﷲ މި ބަލިން ރާއްޖެ ސަލާމަތްކުރައްވާށި.އާމީން،" ޑރ. ޖަމީލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައެވެ.
މިބަލިން ރަނގަޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާދިން ދެ މީހަކަށާއި އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން މީހަކަށެވެ. އެމީހުން މުޅިން ދޫކޮށްލާނީ އަދި 30 ދުވަހަށް ކަރަންޓީނުކޮށް ރަނގަޅަށް މޮނިޓަރ ކުރުމަށްފަހުގައެވެ.
މި ތިން މީހުން ރަނގަޅުވިޔަސް މިބަލިން ރާއްޖެއަށްއޮތް ނުރައްކާ ކުޑައެއް ނޫންކަމަށް ޑރ. މޫސާ މުރާދު މިއަދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސަރުކާރުން އަންގާ އެންގުންތަކަށް އެންމެން ވެސް އެންމެ ފުރިހަމައަށް އަމަލު ކުރުމަށް އޭނާ ވަނީ އިންތިހާއަށް ނަސޭހަތް ދެއްވައިފައެވެ. އެއީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކުރަން މަޖުބޫރު ކަމެއް ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މިދުވަސްވަރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އަންގަވާ އެންގެވުންތަކަށް ތަބާނުވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ރިސޯޓުން ފުރުން މަނާކޮށްފައިވަނިކޮށް މާލެއަތޮޅު ރިސޯޓަކުން އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ވަގަށް ފުރައިގެން މާލެއައިސް މާލެއިން ފުވައްމުލަކު ސިޓީއަށް އައިސްފައިވާ އުމުރުން 30 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކު ފުލުހުންވަނީ ބަންދުކޮށްފައެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދިއުމުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންވަނީ އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ