ސިއްހީ ދާއިރާގެ ބައެއް ތަކެތީގެ ޑިއުޓީ މާފުކޮށްފި

ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ އިތުރު ބާވަތްތަކެއްގެ ޑިއުޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މައާފުކޮށްދެއްވައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި ސިއްހީ ދާއިރާގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް، ހަޒްމަޓް ސޫޓްސް، ސަޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ތަކެތިން ޑިއުޓީ އާއި ޕްރޮސެސިން ފީ ނުނަގާނެ ކަމަށެވެ.
މި ތަކެތީގެ އިމްޕޯޓް ޑިއުޓީ އިއްޔެ އިން ފެށިގެން ރައީސް މާފުކޮށްދެއްވާފައިވާ ކަމަށާއި ރައީސް އެ ނިންމުން ނިންމެވީ މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި ރީ-އެކްސްޕޯޓް ކުރުމުގެ ގަވައިދުގެ ހަތްވަނަ މާއްދާގެ ދަށުންނެވެ.
ރާއްޖެ އެތެރެކުރާ ބާވަތްތަކުގެ ޑިއުޓީ މާފުކުރުމަކީ ގާނޫނީ ގޮތުން ރައީސަށް ލިބިވަޑައިގަންނަވާ ބާރެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ކޮވިޑް-19 ގެ މި ނުރައްކާތެރި ހާލަތާ ގުޅިގެން، މީގެ ކުރިން ވެސް ބައެއް ތަކެތީގެ ޑިއުޓީ މާފުކޮށްދެއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަންގި އާއި މާސްކާއި ފޭސް ޝީލްޑާއި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒާ އެވެ.
ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރިފައިވާ އިރު ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށް ބޭނުންވާ ތަކެތީގެ މުހިންމުކަން މިހާރު ވަރަށް ބޮޑެވެ. މިފަދަ ބައެއް ތަކެތި ބަންގްލަދޭޝް، އިންޑިއާ އަދި އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ.
މި މަހުގެ 15 ގައި މާލެ އިން ކޮވިޑް-19 ގެ މީހަކު ފުރަތަމަ ފަހަރަށް ފެނި، މިހާތަނަށް ޖުމްލަ 228 މީހުންނަށް ރާއްޖެ އިން ވަނީ ކޮވިޑް-19 ޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ