މަޝްރޫއުތައް ހުއްޓި، ކުންފުނިތައް ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އެބައޮތް: ނަސީމް

ކޮވިޑް-19 އާ ގުޅިގެން ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މަޝްރޫއުތައް ހުއްޓި، ކުންފުނިތައް ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނަސީމް ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާނުލާނެ ކަމަށް ސަރުކާރުން ބުނި ކަމުގައިވިޔަސް، ސަރުކާރު ބަންދުގެ ގޮތުގައި ގިނަ ދުވަސްތަކެއް ދާންވެއްޖެ ނަމަ، ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ބިލް ކުރެވޭނެ ގޮތެއް ނެތުމާއި އެ ބިލަށް ފައިސާ ލިބޭނެ ގޮތެއް ނެތް ނަމަ، މަޝްރޫއުތައް ހުއްޓި ކުންފުނިތައް ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
"އެހެންކަމުން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ކުރަމުން ގެންދާ ކުންފުނިތަކަށް ބިލް ކުރެވޭނެ ގޮތާއި އެ ބިލަށް ފައިސާ ލިބޭނެ ގޮތް އަވަސް ގޮތަކަށް ހަމަޖެހިގެން ދިއުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ނަސީމް ވިދާޅުވިއެވެ.
ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން މަސައްކަތާއި އާމްދަނީ ގެއްލިފައިވާ މީހުންނަށާއި ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރުން އިއުލާން ކުރި ޕްރޮގްރާމާ ގުޅޭ ގޮތުން މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި ކަރުދާހަށް ބަހުސް ކުރައްވަމުން ނަސީމް ވިދާޅުވީ ސަރުކާރުގެ ހުށަހެޅުންތަކާ މެދުގައި ދިވެހި ހުރިހާ ރައްޔިތުން ވެސް މިއަދު އުފާ ކުރަމުންދާ ކަމަށެވެ.
ނަމަވެސް ކަރުދާހުގައި ހުރި ބައެއް ކަންކަން ތަންފީޒު ކުރާނެ އުސޫލުތަކާ މެދުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ލޯންތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފައިވާ އިރު، އެ ލޯންތަކަށް އިންޓަރެސްޓް އަރާ ގޮތަށް އޮތުމަކީ ރައްޔިތުން އެހާ ގަޔާވާ ކަމަކަށް ނުވާ ކަމަށެވެ. އެއީ އިތުރު ތަކުލީފްތަކެއް އަތުވެދާނެ ކަމެއްގެ ގޮތުގައި ރައްޔިތުން ދެކެމުންދާ ކަމަށް ނަސީމް ވިދާޅުވިއެވެ.
"ހަ މަސް ދުވަސް ނިންމުމަށް ފަހު އެންމެ ފުރަތަމަ ދައްކަން ޖެހޭ ހަ މަސް ދުވަހަށް 80 ޕަސަންޓަށް ލޯން ދެއްކުން ކުޑަކޮށް، މުޅި ލޯނަށް ހަ މަސް ދުވަސް އިތުރުވީމަ، އެއް އަހަރަށް ފަހު، މަހުން މަހަށް ދައްކަން ޖެހޭ އަދަދު ބޮޑުވެގެން ދާނެ ކަމަށް ގަބޫލު ކުރެވޭތީ އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑަކަށް ނުބެލެވޭ،" ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވި ގޮތުގައި މީހަކު ލޯނެއް ނަގާނީ ސިކުނޑި ވަކި ގޮތަކަށް ބައްޓަންކޮށްގެން ވަކި އަދަދެއް ދެއްކުމަށެވެ. އެހެންވެ، އެކަމާ މެދުގައި ވިސްނަން ޖެހޭ ކަމަށް ވިދާޅުވއިެވެ.
މީގެއިތުރުން ޑޮލަރުގެ އަގު މަތިވެ، މުދަލާއި ހިދުމަތުގެ އަގު ބޮޑުވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވަނީ މަސްވެރިން ބާނާ މަހަށް ލިބޭ ފައިސާ، ތިން ހަތަރު މަހަށް ފަސްނުކޮށް، އެންމެ މަދުވެގެން ހަފްތާއެއްގެ ތެރޭގައި ލިބެން ޖެހޭނެ ގޮތް ހެދުމަށް ގޮވާލައްވައިފައެވެ. އަދި ވަޒީފާ ގެއްލޭ މީހުންނާއި ނޯޕޭ ލީވްއަކަށްދާ މީހުންނާ މެދުގައި ގޮތްތަކެއް ނިންމަން ޖެހޭ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
އަދި ޓޫރިޒަމަށް އެއްބާރުލުން ދިން ގޮތަށް މަސްވެރިކަމާއި ދަނޑުވެރިކަން އާލާކުރުމަށް އެއްބާރުލުން ދިނުމަށް ނަސީމް ގޮވާލެއްވިއެވެ. ރާއްޖޭގައި ކާން ބޭނުން ކުރާ ކުކުޅާއި ގެރި އާއި ބަކަރި ރާއްޖޭގައި އާބާދީއަށް ފުދޭ ވަރަށް ގެންނަން ޖެހޭ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
ނަސީމްގެ ވާހަކަ ނިންމަވާލެއްވީ ރާއްޖޭގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމަށް ގޮވާލައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ