ސޫދާނުގެ ކުރީގެ ރައީސް އުމަރު ބަޝީރު އައިސީސީއާ ހަވާލުކުރަނީ

ޚަރްތޫމް (ފެބްރުއަރީ 12) - ސޫދާންގެ ކުރީގެ ރައީސް އުމަރު ބަޝީރުގެ މައްޗަށް ތުހުމަތުކޮށްފައިވާ ގަތުލް އާއްމު ހިންގުމާއި ހަނގުރާމައިގެ ކުށްތަކާ ގުޅިގެން އޭނާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާ ހަވާލު ކުރުމަށް ސޫދާންގެ މިހާރުގެ ވެރިން އެއްބަސްވެއްޖެ އެވެ.
ބަޝީރުގެ ވެރިކަމުގައި، 2003 ވަނަ އަހަރު ދާފޫރުގެ ހަމަނުޖެހުމުގައި އެތައް ޖަރީމާއެއް ވަނީ ހިންގައިފަ އެވެ. ދާފޫރް ހަމަނުޖެހުމުގައި ވަނީ ތިން ލައްކައެއްހާ މީހުން މަރުވެފަ އެވެ.
ސޫދާން ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހަސަން އަލް ތައިޝީ ވިދާޅުވީ އިންސާފު ލިބިގެން ނޫނީ ޒަޚަމްތައް ފަސޭހަ ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބަޝީރުއާ އެކު އިތުރު ތިން މީހަކު އައިސީސީއާ ހަވާލު ކުރާނެ ކަމަށެވެ.
އުމަރު ބަޝީރުގެ މައްޗަށް ޑިސެމްބަރު މަހު ވަނީ ކޮރަޕްޝަނުގެ ކުށް ސާބިތުވެފައި. --ފޮޓޯ:ރޮއިޓާސް
އުމަރު ބަޝީރު އައިސީސީއާ ހަވާލު ކުރުން އޭނާގެ ސަޕޯޓަރުން ގަބޫލް ކުރާނެތޯ ބީބީސީ އިން ސުވާލު ކުރުމުން ތައިޝީ ވިދާޅުވީ ގާނޫނަށް ވުރެ މަތީގައި އެކަކަށް ވެސް ނުހުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ކުރަނީ ސޫދާންގެ ރައްޔިތުން ކުރަން ބުނި ކަންތައް،" އޭނާ ވިދާޅުވި އެވެ.
ބަޝީރުގެ ވެރިކަމުގައި ވެސް އޭނާގެ މައްސަލަ އައިސީސީ އަށް ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓް ބަޝީރު ގަބޫލްކޮށްފައެއް ނުވެ އެވެ. ބަޝީރުގެ ވަކީލް އިއްޔެ ވެސް ވިދާޅުވީ އައިސީސީ އަކީ "ސިޔާސީ ކޯޓެއް" ކަމަށެވެ. އޭނާ ވެރިކަމުން ދުރުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ.
ބަޝީރު ހައްޔަރު ކުރުމަށް އައިސީސީ އިން ވަނީ 2009 އަދި 2010 ގައި އަމަރު ނެރެފަ އެވެ.
އައިސީސީ އިން ބަލަނީ ގައުމީ ފެންވަރުގައި ނުބަލައި ގަތުލް އާއްމުތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ އަދި ހަނގުރާމައިގެ ކުށްތައް ފަދަ ބޮޑެތި މައްސަތަކެވެ. އައިސީސީ އުފެއްދީ އދ. ގެ މުއާހަދާ އަކުން 2002 ވަނަ އަހަރު އެވެ. އެ ކޯޓް ވަނީ 123 ގައުމަކުން ގަބޫލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ