ކޯޓުތަކުގެ އަމުރުތަކަށް ތަބާނުވާ ނަމަ އެކަން ހައްލުކުރަން ޖެހޭނީ ރައްޔިތުން: ދިޔާނާ ސައީދު

ސަރުކާރުން ގާނޫނުތަކާއި ކޯޓުތަކުގެ އަމުރުތަކަށް ތަބާނުވާ ނަމަ އެކަން ހައްލުކުރަން ޖެހޭނީ ރައްޔިތުންގެ ތެރެއިން ކަމަށް ކުރީގެ ބަންޑާރަ ނާއިބް އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލުންތަކެއް ގުޅިގެން މިއަދު ވީޓީވީގެ ސްޓޫޑިއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ރައީސް ނަޝީދު އައްޔަން ކުރައްވާފައިވާ ދިޔާނާ ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން އަމަލުކުރާނީ ބޭނުން މާއްދާ އަކަށް ކަމަށް ސަރުކާރަކަށް ކަނޑަނޭޅޭނެ ކަމަށާއި ސަރުކާރުން ގާނޫނުތަކާއި ކޯޓުތަކުގެ އަމުރުތަކަށް ތަބާނުވާ ނަމަ އެކަން ހައްލުކުރަން ޖެހޭނީ ރައްޔިތުންގެ ފަރާތުން ކަމަށެވެ.
"މިއީކީ ޕިކްއެންޑް ޗޫސްކުރެއްވޭނެ ]ބޭނުން ބައެއް ނަގާފައި، ބޭނުން ބައެއް ދޫކޮށްލާ ގޮތަށް އޮންނަ[ ކަންތައްތަކެއް ނޫން. ތިމަންނަމެން އަމަލުކުރާނީ މިވެނި މާއްދާއަކަށޭ. މިވެނިމާއްދާއަކީ ތިމަންނަމެންނަށް އޮތް އެއްޗެއް ނޫނޭ، މިހެން ބުނުމުގެ ބާރު ސަރުކާރަށް ވެސް ނޯންނާނެ. ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އަޅުގަނޑުމެން ތަބާވާން ޖެހެނީކީ އަޅުގަނޑުމެން ހިތަށް އެރިއްޔާ ބޭނުންއިރަކުއެއް ނޫން. ކޮންމެ ވަގުތަކު ވެސް ޖެހޭނެ ގާނޫނަށް އަމަލުކުރަން،" ދިޔާނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ ކުރީ ކޮޅު ބަންޑާރަނައިބުކަން ކުރެއްވުމަށް ފަހު، ރައީސް ނަޝީދާ ހިޔާލުތަފާތުވުންތަކެއް ކުރިމަތިވެގެން ވަކިކުރެއްވި ދިޔާނާ ވިދާޅުވީ ގާނޫނާ ޚިލާފަށް އަމަލުކުރުމުން އެބަޔަކު އެ އަމަލު ކުރަނީ ގާނޫނާ ޚިލާފަށް ކަނޑައަޅާނީ ކޯޓުތަކުގެ ފަނޑިޔާރުން ކަމަށާއި ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާނުވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިކަން ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
މަޝްހޫރު ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ގައުމީ ދިފާއީ ބާރުން ތަބާނުވާ ނަމަ އެކަމާ ގުޅިގެން އެ ކޯޓުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
އާޒިމާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ފަނޑިޔާރުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަމަށާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓުމަށް އެ ބޭފުޅުން ކުރަމުންގެންދަވާ މަސައްކަތްތައް ގާނޫނީ ހަމައިން ކުރަމުންގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ