ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލްގައި ބަޔާ ލެވަކޫސަންގެ މައްޗަށް ޕެނަލްޓީގައި 3-5 ގެ ނަތީޖާއަކުން ކުރި ހޯދާ، މުބާރާތުގެ ސެމީ ފައިނަލަށް ބަޔާން ދަތުރުކޮށްފިއެވެ.
ލެވަކޫސަންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.
ނަމަވެސް ލެވަކޫސަންއިން ބަޔާންގެ ގޯލަށް ފޮނުވާލި ގިނަ ހަމަލާތަށް، ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ ހުޝިޔާރުކަމާއެކީ ދިފާއުކޮށްފައެވެ.
މި މެޗުގައި ބަޔާންއިން ގޯލް ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މާރިއޯ ގޮޓްޒޭއަށެވެ. ނަމަވެސް ހުހަށް ހުރެ އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
90 މިނެޓް ހަމަވެގެންދިޔައިރު ވެސް ނަތީޖާއަށް ބަދަލެއް ނައުމާ ގުޅިގެން ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެ ދެ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުންކުރެ ޓީމަކަށް ވަނީ ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.
އެއާއެކު ދެން ދިޔައީ ޕެނަލްޓީއަށެވެ. ޕެނަލްޓީގައި ބަޔާންއިން ޖެހި ހުރިހާ ޕެނަލްޓީއެއް އެޓީމުން ކާމިޔާބުކުރިއެވެ. މި މެޗުން ބަޔާން މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައި ތިއާގޯ އަލްކަންޓާރާއެވެ.
މުބާރާތުގެ ސެމީފައިނަލްގައި ބަޔާން ބައްދަލުކުރާނީ ބްރޫޝިއާ ޑޯޓްމަންޑާއެވެ. އެ މެޗު ކުޅޭނީ މި މަހުގެ 28 ވަނަ ދުވަހުގައެވެ.
ސެމީގެ އަނެއް މެޗުގައި މި މަހުގެ 29 ވަނަ ދުވަހު ބައްދަލުކުރާނީ އާމޭނިއާ ބީލްފެލްޑް އާއި ވުލްފްސްބާގްއެވެ.
ޕެނަލްޓީގައި ކުރި ހޯދާ ބަޔާން ސެމީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ