ޖައިލަމްގެ މަރުގެ މައްސަލަ އަލުން ހުށަހެޅުމުން ކޯޓުން ބަލައިގެންފި

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަރުބާރުގެ ކުރިމަތިން އޮންނަ އިރުދޭމާ ހިނގުމުގައި ހިނގި މަރާމާރީއެއްގައި ހ. ހަންޑްރެޑްފްލާވަރ، ޖައިލަމް އަޙްމަދު ޝާކިރު (23އ) މަރާލި މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފިއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބަލައިގެންފައި މިވަނީ ފުރަތަމަ މި މައްސަލަ އެ ކޯޓުން ބަލައި ނުގަތުމުން، ދައުލަތުން އެ މައްސަލަ ހައިް ކޯޓަށް ހުށަހެޅުމަށްފަހުއެވެ. ހައި ކޯޓުން މައްސަލަ ބެލުމަށްފަހު ވަނީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ހުކުމް ކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު ހައި ކޯޓުން ކުރި ހުކުމާއި ގުޅިގެން ދައުލަތުން ވަނީ ދައުވާއަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައި، އަލުން މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
ޖައިލަމް މަރާލި މައްސަލައިގެ ތަހުޤީޤު ނިންމާ 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައި ވަނީ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ.
ވަޅިން ހަމަލާދިނުމުން ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ޖައިލަމް ނިޔާވިއިރު އޭނާއަށް އަށް ހަމަލާ ދީފައި ވަނީ އެރޭ 22:20 ހާއިރު ދަރުބާރުގޭ ކުރިމަތީގައި އޮންނަ ގޯޅިއެއްގައި ހުންނަ “ހަންޑްރެޑް ފްލާވާ” ކިޔާ ގެއެއްގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އޭނާ އިށީންދެގެން އިންދާ ސައިކަލެއްގައި އައި ގްރޫޕަކުންނެވެ.
ޖައިލަމް އަށް ހަމަލާ ދީފައި ވަނީ ދެސައިކަލެއްގައި އައި ހަތަރު މީހުންގެ ގްރޫޕަކުންނެވެ. ހަމަލާ ދިނުމަށް ފަހު އެގްރޫޕް ވަނީ ފިލައިގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ