ދިރާގު ދިވެހި ލީގު: ވިކްޓްރީ، ވެލެންސިއާ މެޗު މިއަދު ހަވީރު، ވީބީ، މާޒިޔާ މެޗު މިރޭ

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ވިކްޓްރީ އާއި ވެލެންސިއާ އެވެ. މި މެޗަށް ނުކުންނަ އިރު ވިކްޓްރީ އާއި ވެލެންސިއާއަކީ މިވަގުތު ލީގުގައި ދެވަނަ އަދި ތިންވަނައިގައި އޮތް ދެ ޓީމެވެ.
ލީގުގެ ދެވަނައިގައި މިވަގުތު ވިކްޓްރީ އޮތީ 17 ޕޮއިންޓް ހޯދައިގެންނެވެ. ވެލެންސިއާއަށް ލީގުގެ ތިންވަ މަގާމު މިވަގުތު ކަށަވަރު ވެފައި އޮތަސް ވިކްޓްރީއާ ޕޮއިންޓުގެ ގޮތުން ހުރި ތަފާތު ވަރަށް ބޮޑެވެ. ވިކްޓްރީއާ ހަ ޕޮއިންޓުގެ ފަރަގެއް ހުރި ވެލެންސިއާ ވެސް ފަހަކަށް އައިސް ދަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.
މި ދެ ޓީމު ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ ވިކްޓްރީއެވެ. އެމެޗު 2-0 ން ވިކްޓްރީ ކާމިޔާބު ކޮށްފައިވާ އިރު ވެލެންސިއާ އާއި ވިކްޓްރީގެ ގިނަކުރިމަތިލުންތައް ނިމިގެން ގޮސްފައި ވަނީ ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންނެވެ.
ވިކްޓްރީ އާއި ވެލެންސިއާ މިއަދު ހަވީރު ކުޅޭއިރު މިރޭވެސް ލީގުގައި ވަރުގަދަ މެޗެއް ކުޅޭނެ އެވެ. މިރޭ ނުކުންނާނީ ލީގުގެ އެއްވަނައިގައި އޮތް ވީބީ އާއި ހަތަރު ވަނައިގައި އޮތް މާޒިޔާއެވެ. މާޒިޔާ އަށް ހަތަރު ވަނަ ލިބިފައި ވަނީ ތިން ވަނައިގައި އޮތް ވެލެންސިއާއާ ޕޮއިންޓުގެ ގޮތުން ހަމަހަމަވެ ގޯލުގެ ތަފާތުން ދަށްވުމުންނެވެ.
އަނެއްކޮޅުން ވީބީ އެހެން ހުރިހާ ޓީމުތަކާ ބޮޑު ތަފާތަކުން ކުރީގައި އުޅޭއިރު އަދިވެސް ލީގުގައި މެޗަކުން ބަލިނުވެ އެވެ. މެޗަކުން ބަލިނުވެ މިރެކޯޑް މިހިސާބަށް އައިއިރު ދަހަމަހައްޓަމުން އަންނަ ހަމައެކަނި ޓީމަކީ ވެސް ވީބީ އެވެ. 21 ޕޮއިންޓާ އެކު ލީގުގެ އެއް ވަނަ ހޯދައިގެން އޮތް ވީބީއަށް ކޮންމެވެސް ވަރަކަށް އަނިޔާގެ މައްސަލަ ކުރިމަތި ވެފައިވެ އެވެ. ނަމަވެސް މާސީރިއަސް އަނިޔާއެއްގައި އުޅޭ ކުޅުންތެރިޔަކު މިވަގުތު ނެތް ކަމަށް ވީބީގެ އޮފިޝަލަކު ބުންޏެވެ.
މާޒިޔާއަކީ މިދިޔަ ސީޒަނުގައި ވީބީއަށް ކުޅުނު ކުޅުންތެރިން މިސީޒަނުގައި އެންމެގިނައިން ބަދަލުވެފައިވާ ކުލަބުވެސްމެއެވެ. ނަމަވެސް ލީގުގައި މާޒިޔާ އުންމީދު ކުރިވަރުގެ ކުޅުމެއް ކުޅުންތެރިންނަށް އަދި ދެއްކިފައި ނެތް ކަމަށް މާޒިޔާގެ ކޯޗުވެސް ވަނީ މީގެކުރިން ބުނެފައެވެ. މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނެފައި ވަނީ ކުޅުންތެރިންނަށް އިތުބާރު ލިބެމުން އަންނަ ވަރަކަށް ނަތީޖާވެސް ދާނީ ރަނގަޅު ވަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ