ގައުމީ މަސްލަހަތަށްޓަކައި ވޯޓްދިނުމުން ފިޔަވަޅު އެޅުމަކީ ހިތާމަކުރާކަމެއް: ފާރިޝް މައުމޫން

ގައުމީ މަސްލަހަތު ހިފެހެއްޓުމަށްޓަކައި ލާވޯޓެއްގެ ސަބަބުން ޕާޓީގެ މެންބަރަކާއިމެދު ފިޔަވަޅު އެޅުމަކީ ހިތާމަކުރައްވާކަމެއްކަމަށް ރައީސް މައުމޫންގެ ދޮށީދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން ވިދާޅުވެއްޖެއެވެ.
ޓްއަރިޒަމްގެ ގާނޫނަށް ގެނައުމަށް ސަރުކާރުން ހުށައެޅި އިސްލާހަށް ވޯޓް ދިނުމަށް ޕީޕީއެމްއިން ތްރީލައިން ވިޕް ނެރެފައިވަނިކޮށް އެ ނިންމުމާއި ދެކޮޅަށް ވޯޓް ދިނުމުން ފާރިޝްގެ މައްސަލަ ބެލުމަށް އެޕާޓީގެ ސުކޫލް ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.
މިއަދު ފާރިޝް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމް އުފައްދާފައިވަނީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ހޯދައިދިނުމަށެވެ. އެހެންކަމަށްވީއިރު ގައުމީ މަސްލަހަތު ހިފެހެއްޓުމަށްޓަކައި ލާވޯޓެއްގެ ސަބަބުން ޕާޓީގެ މެންބަރަކާއިމެދު ފިޔަވަޅު އެޅުމަކީ ހިތާމަކުރައްވާކަމެއްކަމަށް ފާރިޝްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފާރިޝްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އޭނާގެ އުންމީދަކީ ރައީސް މައުމޫން އިއުލާންކުރައްވާފައިވާ އިސްލާހީ މަޝްރޫއުގެ ދަށުން މިވަގުތު ޕީޕީއެމްއަށް ދމާވެފައިވާ ހާލަތު ދެނެގަނެ އެފަދަ ކަންކަން ނައްތާލުންކަމަށެވެ. އަދި ޕީޕީއެމްއަކީ ގައުމީ މަސްލަހަތަށް އިސްކަންދޭ ޕާޓީއެއްކަމުގައި ރައްޔިތުން ބަލައިގަތުންކަމަށެވެ.
ޕާޓީގެ ގަވާއިދާ އެއްގޮތަށް ނުފޫޒުން އެއްކިބާވެފައިވާ މާހައުލެއްގައި އިންސާފުވެރިކަމާއެކު އޭނާގެ މައްސަލަ ބަލަންކުރާ ހުރިހާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ފާރިޝް ވަނީ ވިދާޅުވެފައެވެ. ފާރިޝް ވިދާޅުވީ އޭނާ ގަބޫލްކުރާގޮތުގައި އެންމެ އިސްކަންދޭންވާނީ ރައްޔިތުންގެ މަސްލަހަތަށްކަމަށާ ޕީޕީއެމްގެ މޯޓޯއަކީވެސް "އެންމެ ފުރަތަމަ ގައުމު"ކަމަށެވެ.
ފާރިޝްއަށް ފިޔަވަޅު އަޅައިދެއްވުމަށް އެދިވަޑައިގެން ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ފޮނުއްވި ސިޓީގެ ޖަވާބުގައި ރައީސް މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވީ ފާރިޝް މައުމޫނަށް ފިޔަވަޅު އަޅަން ސުލޫކް ކޮމިޓީއަށް ފޮނުވުމަކީ އިންސާފުގެ ހަމަތަކާއި ހިލާފު ކަމެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ޓޫރިޒަމް އިސްލާހަށް ފާރިޝް ވޯޓް ދެއްވީ ޕާޓީގެ ރައީސް އެންގެވި ގޮތަށް ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ޕާޓީގެ ޕީޖީ ގުރޫޕްގެ ނިންމުމާ ފާރިޝް ހިލާފުވި ނަމަވެސް އެއީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
މައުމޫންގެ ސިޓީގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުންތަކާއި ދެކޮޅަށް މީގެ ކުރިންވެސް ބައެއް މެންބަރުން ވޯޓް ދެއްވާފައިވާ ކަމާއި އެކަމަކު އެފަަދަ ބައެއް ބޭފުޅުންނަށް ފިޔަވަޅު އެޅުމެއްނެތި ފާރިޝްއަށް ފިޔަވަޅު އަޅަން އޭނާގެ މައްސަލަ ސުލޫކް ކޮމިޓީއަށް ފޮނުވުމަކީ އިންސާފެއް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ