އަބްދުއްރަޙުމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް މިއަދު ޖަހައިފިއެވެ. ގޭގައި ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް އަބްދުއްރަހުމާނު މަރާލީ މިދިޔަ ޖުލައި މަހުގެ 13ގައެވެ. އެ މައްސަލައިގައި އެ ރަށު ތިން ޒުވާނުން ހައްޔަރުކުރީ މި މަހު 21ގައެވެ. އެއީ، އާޝިދުގެ އިތުރަށް މުހައްމަދު ވިސާމްއާއި އަހުމަދު ފާރިސެވެ. އޭގެ ތެރެއިން ވިސާމާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އާޝިދުގެ ބަންދަށް ޖެހީ ފަސް ދުވަހެވެ. އޭގެ ފަހުން މިއަދު ފުލުހުން ބުނީ، އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ. އެ ތިން މީހުންނަކީ ވެސް އަބްދުއްރަހްމާނާއި މައްސަލައެއް ޖެހިފައިވާ ބައެއް ނޫން ކަމަށާއި އެ ތިން މީހުންނަކީ ވެސް ރަށުން ފެންނައިރު ވެސް ވާހަކަދައްކާ އުޅޭ ބައެއް ކަމަށް އާއިލާއިން ބުންޏެވެ. https://sun.mv/210230 އެ ރަށުން 'ސަން'އާ ވާހަކަދެއްކި އިތުރު މީހަކު ބުނި ގޮތުގައި އެ ތިން ޒުވާނުންނަކީ ވެސް ސަރުކާރު ވަޒީފާތަކުގައި އުޅޭ ޒިންމާދާރު ބައެކެވެ. އަދި، އޭގެ ތެރެއިން ވިސާމަކީ ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމެއްކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަދި، ފާރިސަކީ އެ ރަށު ސްޓެލްކޯގައި މަސައްކަތްކުރާ ޒުވާނެކެވެ. އާޝިދަކީ މާލޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ވަޒީފާއެއްގައި އުޅޭ ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި އަބްދުއްރަހްމާން މަރާލި ހާދިސާ ހިނގިއިރު އާޝިދު ހުރީ މާޅޮހުގައެވެ. އެކަމަކު، އޭނާ މިއަދު ހައްޔަރުކުރީ މާލެއިންނެވެ. އޭނާ ދިރިއުޅެނީ މާލޭގައެވެ. އެ މީހާ ބުނި ގޮތުގައި ތިން ޒުވާނުން ހައްޔަރުކުރުމުން މީހުން ތިބީ ދެރަވެފައެވެ. ތިން މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ވެށީގައި އުޅެފައިވާ ބައެއް ވެސް ނޫން ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ. އެ ރަށު މީހުން ބުނާ ގޮތުންނަމަ އަބްދުއްރަހްމާނަކީ ސިހުރުގެ ތުހުމަތު ވެސް ކުރެވޭ މީހެކެވެ. އެކަމަކު، އާއިލާއިން އެ ތުހުމަތު ދޮގުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ