އަބްދުﷲ ރިޔާޒުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ އެވެ.
އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގއި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުން 2018 މާރޗު 2 ވަނަ ދުވަހުގެ ހަވީރު ޞުލްހަވެރިކަމާއެކު މާލޭގައި ބޭއްވި އެއްވުމެއްގައި ރިޔާޒު، އެއްވެ އުޅުމުގެ ޙައްޤުގެ ބޭނުން ކުރަމުންދަނިކޮށް ހައްޔަރުކުރުމަށްފަހު ޖަލުގައި ބަންދުކޮށްފައިވާތާ މިއަދަށް 6 މަސްދުވަސް ވެފައިވާ ކަމަށެވެ. އަދި އެދުވަހު ބަންދުކުރުމަށްފަހު އޭގެ 12 ދުވަސް ފަހުން އިއްވި ތުހުމަތުތަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރެވޭނެ ތަނެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާކަން 14 އޮގަސްޓް 2018 ވަނަ ދުވަހު ރިޔާޒަށް ވަނީ ލިޔުމުން އަންގާފަ ކަމަށެވެ.
ރިޔާޒުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމްގެ މުއްދަތަށް ވުރެ އިތުރަށް ވެސް ރިޔާޒު މިހާރު އެވަނީ ޖަލު ބަންދުގައި ހޭދަކޮށްފައިވާ ކަމަށެވެ. ވުމާއެކު މިހާރުން މިހާރަށް ރިޔާޒުގެ ޙުކުމް ތަންފީޒުވެ ނިމިއްޖެކަމުގައި ކަނޑައަޅައި ރިޔާޒު ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށްވެސް ރިޔާޒުގެ ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ. 
ހައިކޯޓުން ރިޔާޒުގެ މައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ، ފުލުހުންނަށް ރިޔާޒުގެ ފޯނުގެ ޕިންކޯޑު ދީފައިނުވާތީކަމަށް ކަނޑައަޅުއްވައެވެ. ނަމަވެސް އެމައްސަލަ ދަށު ކޯޓުން ސާބިތުނުވާކަމަށް ކަނޑައެޅުއްވި އެއް ސަބަބަކީ ވެސް ދަށު ކޯޓުގެ ޝަރީޢަތުގައި ރިޔާޒު ފުލުހުންނާ ހިއްސާކުރި ކޯޑުން ފުލުހުން ބޭނުންވި ފޯނު ހުޅުވިފައިވުމެވެ.
އެފަދައިން އޮތް މައްސަލައެއްގައި 4 މަހާއި 24 ދުވަހަށް ރިޔާޒު ޖަލަށްލުމަށް ޙުކުމްކޮށްފައިވާއިރު، ރިޔާޒު ހައްޔަރުކުރި ފަހުން މިއަދަށް 6 މަސް ދުވަސް ފާއިތުވީއިރުވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އިލްތިމާސްއާމެދު އެކޯޓުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާތީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ރިޔާޒަށް ލިބިވަޑައިގަންނަވަންޖެހޭ ޙައްޤުތައް ލިބިވަޑައިގަންނަވަމުން ނުދާކަމުގައި ރިޔާޒު ދެކެވަޑައިގަންނަވާ ކަމަށްވެސް ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ. 
ދިވެހިރާއްޖޭގެ ކޯޓުތަކުގައި ރިޔާޒުއާ ދެކޮޅަށް ހިންގޭ ޝަރީޢަތްތައް ހިންގުމުގަޔާއި މައްސަލަ ބައްލަވާ ފަނޑިޔާރުން  ބަދަލުކުރުމަށްފަހު ވަކި ނަތީޖާއެއް ނެރެވިގެންދިޔައީ އެއުސޫލުގެމަތީންކަމަށް ދޭހަވާގޮތަށް ކަންކަން ހިނގާފައިވުމާއި ރިޔާޒުގެ ފަރާތުން ހުށައަޅާ އިސްތިއުނާފުގެ މައްސަލަތައް ކޯޓުތަކުގައި ނުހިނގައި ލަސްވަމުން ދިޔުމާއި ރިޔާޒުގެ ފަރާތުން ހުށައަޅާ ޝަކުވާގެ ސިޓީތަކާއި ގުޅިގެން ކޯޓުތަކުން ޖަވާބު ނުދިނުންފަދަ ކަންކަމަކީ ދިވެހި އެއްވެސް ރައްޔިތަކާމެދު ޢަމަލުކުރެވިގެންވާނެ ގޮތެއްކަމުގައި ރިޔާޒު ދެކެވަޑައި ނުގަންނަވާ ކަމަށްވެސް އެބަޔާނުގައި ވެއެވެ.
ވުމާއެކު، ޖަލުން މިނިވަންވުމާއެކު ދިވެހިރާއްޖޭގެ ޤާނޫނޫ އަސާސީއާއި ޤާނޫނުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަށް ނުކުންނަވާނެކަމާއި ދައުލަތުގެ މުއައްސަސާތައް ޑިމޮކްރަސީގެ ހަމަތަކުގެ މައްޗަށް އިޢާދަކުރުމުގެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމުގެ ޔަގީންކަން މިއަދުވެސް ޢަބްދުﷲ ރިޔާޒު ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ބުނެއެވެ. އޯގާތެރި ސަރުކާރަކާއި ނުފޫޒުން އެއްކިބާވެފައިވާ ޖުޑީޝަރީއަކާއި މިނިވަން ރައްޔިތުންގެ މަޖިލީހެއް ރައްޔިތުންނަށް ލިބުމުގެ ކުރިން ރިޔާޒުގެ ސިޔާސީ ޙަޔާތަށް ކުޑަނަމަވެސް ހުއްޓުމެއް ނާންނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރިޔާޒުގެ ފަރާތުން ގާނޫނީ ވަކީލުން ނެރެފައިވާ އެ ބަޔާނުގައި ވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ