އުމަރު ޒާހިރު އިދިކޮޅު ޕާޓީތަކުގެ ޖަލްސާގައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި މައުމޫނާ ގާތްގުޅުމެއް ބާއްވަމުން ގެންދަވާ އުމަރު ޒާހިރު، މިހާރު މާލޭގައި ކުރިއަށް ގެންދާ އިދިކޮޅު ފަރާތްތަކުގެ ޖަލްސާގައި އެބަ ބައިވެރިވެވަޑައިގަންނަވަ އެވެ. މިއީ އިދިކޮޅު ފަރާރްތަކުގެ މިފަދަ ބޮޑު ސިޔާސީ ހަރަކާތަކުން މައުމޫންގެ ސަރުކާރުގެ މިހާ އިސް ބޭފުޅަކު ފެނުނު ފުރަތަމަ ފަހަރެވެ.
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން، އިދިކޮޅު ހަތަރު ޕާޓީ ގުޅިގެން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި އުމަރު ޒާހިރުގެ އިތުރުން އަނީސާ އަހުމަދާއި އައްބާސް އިބްރާހީމް ވެސް ބައިވެރިވެވަޑައިގަންނަވަމުން އެބަ ގެންދަވަ އެވެ.
ކުރީގެ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގެންވި އުމަރު ޒާހިރަކީ މައުމޫންގެ ސަރުކާރުގައި ހުޅުމާލެ ތަރައްގީ ކުރުމާއި މާލޭގެ މަގުތައް ގާ އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫ އާއި ތިލަފުށި ހިއްކުން ފަދަ މުހިންމު މަޝްރޫއުތަކެއް ހިންގެވުމުގައި އެންމެ އިސް މޭސްތިރި އެވެ.
މައުމޫނާއެކު ޕީޕީއެމްގެ ހަރަކާތްތަކުގައި އުމަރު ޒާހިރު ބައިވެރިވަޑައިގެންނެވި ނަމަވެސް އެ މައުމޫން ޕާޓީން ވަކިކުރެއްވި ފަހުން، އުމަރު ޒާހިރު ފަހުން އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ރައީސް މައުމޫން ކޯޓަށް ހާޒިރުކުރި ދުވަހަކު އައްބާސް އިބްރާހިމް ނަސްރީނާއެކު ކޯޓު ކައިރީގައި.
އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދާދިފަހުން މާލޭގައި ދޮރުން ދޮރަށް ހިންގެވިއިރު މާފަންނު ހުޅަނގު ދާއިރާގެ ގޭގެއަށް ވަޑައިގެންނެވިއިރު، އުމަރު ޒާހިރުގެ ގެއަށް ވަޑައިގެންނެވި އެވެ. އަދި އިބޫއާ އެކު ނެންގެވި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވެ އެވެ.
ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އައްބާސް އަކީ މައުމޫން ސަރުކާރުގައި ވަޒީރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި އާ ގާނޫނު އަސާސީ އެކުލަވާލުމަށް އުފެއްދެވި ރައްޔިރުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހަކަށް އައިސް އައްބާސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި ވަޒީރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މ. އަތޮޅުގެ މެމްބަރުކަން ވެސް ކުރެއްވި އަނީސާ ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. ނަމަވެސް މައުމޫން އެ ޕާޓީން ވަކިކުރެއްވި ފަހުން ޕީޕީއެމްގެ ހަރަކާތްތަކުގެ އަނީސާ ބައިވެރިވެވަޑައިނުގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ