ކުރިން އާންމުކޮށް އިއުލާންކުރުމަކާއި ނުލައި ޕީޕީއެމްގެ ބައެއް އާންމު މެންބަރުންނާއި އެޕާޓީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ބައްދަލްކުރައްވައިފިއެވެ.
ރައީސް މައުމޫން ޕީޕީއެމްގެ ބައެއް އާންމު މެންބަރުންނާއި ބައްދަލްކުރައްވާފައި ވަނީ މީގެ ކުރިން އެމަނިކުފާނު ބާއްވަވަން މަސައްކަތްކުރެއްވި ދެ ބައްދަލްވުމަކަށް ފުލުހުން ހުރަސްއަޅާފައި ވަނިކޮށެވެ.
ރޭ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ބޭއްވި މި ބައްދަލްވުމާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ އެޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުންނާއި ބައްދަލްކުރައްވާފައިވާކަމަށާއި, އެ މެންބަރުން ޕީޕީއެެމްއާއިމެދު ދެކޭގޮތް ހާމަކޮށް ޕާޓީގެ މިހާރުގެ ހާލަތާއިމެދު އެ މެންބަރުން ވާހަކަދައްކާފައިވާކަމަށެވެ.
މި ބައްދަލްވުމުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި، ކުރީގެ ބައެއް ވަޒީރުންނާއި، ޕީޕީއެމްގެ ކައުންސިލް މެންބަރުންނާއި، ބައެއް އާންމުން ވަނީ ބައިވެރިވެފައެވެ.
ކުރިން އާންމުކޮށް އިއުލާންކުރުމަކާއި ނުލައި ޕީޕީއެމްގެ ބައެއް އާންމު މެންބަރުންނާއި ރައީސް މައުމޫން ބައްދަލްކުރައްވާފައިވާއިރު، މިމަހުގެ 18 ވަނަ ދުވަހުގެރޭ ބާއްވަން އުޅުނު ބައްދަލްވުން ނުބޭއްވޭނެކަމަށް ފުލުހުންގެ އޮފިސަރުންތަކެއް ވަނީ ރައީސް މައުމޫނަށް އަންގާފައެވެ.
އެރޭގެ ބައްދަލްވުން ރައީސް މައުމޫން ފަހުން ކެންސަލްކުރެއްވީ ފުލުހުންނާއި ޕީޕީއެމްގެ އާންމު މެންބަރުންނާއި ދެމެެދު އެއްވެސް ހަމަނުޖެހުމެއް ހިނގަން ފުރުސަތު ދެއްވުމަށް ބޭނުންނުވާތީކަމަށް އެމަނިކުފާނުގެ ފެކްޝަނުން ވަނީ ހާމަކޮށްފައެވެ.
ޕީޕީއެމްގެ އާންމު މެމްބަރުންނާ ބައްދަލުކުރެއްވުމަށް ރައީސް މައުމޫން ބާއްވަވަން މަސައްކަތް ކުރެއްވި ބައްދަލްވުމަށް ހުރަސްއެޅި މައްސަލަ އެމަނިކުފާނު ވަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި، ހިއުމަންރައިޓްސް ކޮމިޝަންގެ އިތުރަށް ފުލުހުންގެ އިދާރާއަށްވެސް ހުށައަޅާފައެވެ.
ރައީސް މައުމޫންގެ އޮފީހުގައި ބާއްވަވަން މަސައްކަތް ކުރި ބައްދަލްވުމަށް ފުލުހުންގެ އޮފިސަރުންތަކެއް ހުރަސްއެޅި މައްސަލައާއި ގުޅިގެން ގާނޫނީ ދާއިރާގެ ބޭފުޅުންވެސް ވަނީ އެކަމާއި ސުވާލް އުފައްދާފައެވެ. އެގޮތުން އެފަދަ ބައްދަލްވުމެއް ނުބޭއްވޭނެކަމަށް އެންގުމުގެ ބާރު ފުލުހުންގެ އޮފިސަރުންތަކަކަށް ލިބިގެންވަނީ ކިހިނެތްތޯ އެ ބޭފުޅުން ވަނީ ސުވާލް އުފައްދަވާފައެވެ.
ރައީސް މައުމޫން ޕީޕީއެމްގެ އާންމު ބައެއް މެންބަރުންނާ ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ