ގޭންގުތަކުން ފުލުހުންގެ ތެރެއަށް ވަންނަން މަސައްކަތް ކުރޭ - އުމަރު

ރަށްރަށުގައި އުޅޭ ގޭންގުތަކުން ފުލުހުންނާއި ގާތްކަން ބާއްވައި، ފުލުހުންގެ ތެރެއަށް ވަދެގަތުމަށް މަސައްކަތް ކުރާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.
ޑިވިޝަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުން (ޑީއޯސީ)ގެ ފުރަތަމަ ކޮންފަރެންސް ފެށުމުގެ ގޮތުން އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރަށް ރަށުގައި ޑިއުޓީ އަދާ ކުރާ ފުލުހުންގެ ތެރެއަށް ކުށްކުރާ މީހުން ވަދެ ފުލުހުންނާ ގާތް ގުޅުމެއް ބިނާކޮށް ފުލުހުންގެ ތެރެއަށް ވަދެގަންނަ އެމީހުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ގިނަ ފަހަރުު އެމީހުން ފުލުހުންގެ ތެރެއަށް ވަދެގަންނަނީ ފުލުހުންނަށްވެސް ނޭނގި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުށްވެރިން ފުލުހުންނާ ގުޅުން ބަދަހި ކުރަނީ ފުލުހުންގެ ތެރޭގައި ހިނގާ ކަންތައްތަކުގެ މައުލޫމާތު ހޯދުމުގެ ބޭނުމުގައިއެވެ. އަދި ބައެއް ރަށްރަށުގައި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ހުރިހާ މައުލޫމާތެއް އެ މައްސަލަ ރައްދުވާ ފަރާތަށް ލިބޭ ކަމަށާއި ފުލުހުންގެ ތެރެއިން އެފަދަ މައުލޫމާތު ލީކުވާތީ، މައްސަލަ ހުށަހަޅަން މީހުން ޖެހިލުންވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ބައެއް މީހުން އެބަ ބުނޭ ކިހިނެތްހޭ މި ވެނި ރަށެއްގައި މިވެނި ކަމެއް ހުއްޓުވާނީ. އެ ރަށުގައި ތިބޭ ފުލުހުން ޑިއުޓީ ނިމުނީމައި ޔުނީފޯމު ބާލައިގެން އުޅެނީ އެ ރަށުގައި އުޅޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާ އެކީ ވަލު ތެރޭގައި ކުރުނބާ ބޯށޭ. ނޫނީ ފަޅުރަށަކަށް ދަތުރު ގޮހޭ،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށްރަށުގައި ހުންނަ ޕޮލިސް ސްޓޭޝަންތަކުގައި އުޅޭ ފުލުހުންގެ އަހުލާގާއި އެމީހުން ގާތްކަން ބާއްވާ މީހުން ޑިވިޝަން ކޮމާންޑަރުން ބަލައި، އެކަންކަން ކޮންޓްރޯލް ކުރަން ޖެހޭނެ ކަމަށެވެ. އަދި ޑިއުޓީ ނިމުމުން ވެސް އެ މީހުންނާ އެކު އުޅެނީ ކޮންބައެއްތޯ އާއި ކޮފީތަކަށް ދާ މީހުން ބަލަން ޖެހޭނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން، އުމަރު ވަނީ ޑިއުޓީގައި އާދައިގެ ރަސްމީ ހެދުމުގައި ފުލުހުން ޑިއުޓީ އަދާކުރާ ވާހަކަ ފާހަގަކޮށްފައެވެ. އޭނާ ވަނީ ޕޮލިސް ސްޓޭޝަންތަކުގެ ފުލުހުން ފުލް ޔުނީފޯމުގައި ވީހާ ވެސް ގިނަ ވަގުތު އުޅެވޭނެ ގޮތާއި މަގުމަތީގައި ހިނގާފައި އުޅޭ ގޮތް ހަމަޖައްސައިދެއްވުމަށް ޑިވިޒަން ކޮމާންޑަރުން އަރިހުން އެދިވަޑައިގެންފައެވެ.
""ބައެއް ރަށްރަށުގައި ފުލުހުން އެބަ އުޅޭ ހަތް މަސް ވާއިރު ވެސް އެއްގޮތަކަށް ވެސް ޔުނީފޯމު ނާޅާ. އެއްގޮތަކަށް ވެސް އެގޮތް ކަމަކު ނުދާނެ. ކޮންމެ ފުލުހަކީ ވެސް ޔުނީފޯމު އަޅަން ޖެހޭ ފުލުހެއް. ޔުނީފޯމު އަޅައިގެން އުޅޭ ތަން މީހުންނަށް ފެންނަން ޖެހޭނެ. އަދި އެ ޔުނީފޯމު އަޅައިގެން މަގުމަތީގައި އުޅޭ މަންޒަރު ވެސް އާއްމު ރައްޔިތުންނަށް ފެންނަން ޖެހޭނެ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ