މުޅި ކޮލަމްބޯއިން ކަރަންޓު ކެނޑި، އަނދިރީގައި

ސްރީލަންކާ ކައިރީގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އެގައުމުގެ މޫސުން ގޯސްވެ ވެރިރަށް ކޮލަމްބޯއިން ކަރަންޓު ކެނޑިއްޖެ އެވެ.
ކޮލަމްބޯއަކީ ގިނަ އަދަދެއްގެ ދިވެހިން ދިިރިއުޅެމުން އަންނަ ސިޓީ އެކެވެ. އެތަނުގަ ދިރިއުޅެމުންދާ ދިވެއްސަކު ބުނީ ކޮލަމްބޯއިން އެއްކޮށް ކަރަންޓު ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. ބޮޑަށް ބެލެވެނީ ޕަވާ ގްރިޑެއް ގޮވައިގެން ކަމަށެވެ.
"ވަރަށް ވައިގަދަ، ވައިގަދަ ކަމުން ވައި ކަފާއަޑުވެސް އިވޭ، އެގަޑީގަ އެއްޗެއް ގޮވި އަޑު އިވިފަ ކަރަންޓު ދިޔައީ، ހީވަނީ ޕަވާ ގްރިޑެއް ގޮވީހެން،" ލަންކާގައި ހުރި ދިވެއްސަކު ކިޔައިދިނެވެ.
އޭނާ ބުނީ މިއަދު ހަވީރުން ފެށިގެން ގަދަޔަށް ވައިޖެހެމުން އަންނަ ކަމަށެވެ. އަދި ހަވީރުން ފެށިގެން މިރޭގެ 10:30 ހާއިރު ވަންދެން މެދުކެނޑުމެއްނެތި ބޯކޮށް ވާރޭ ވެހުނު ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ލަންކާއަށް މިހާރުވަނީ ރެޑް އެލާޓް ނެރެފަ އެވެ. އަދި ކޮލަމްބޯގެ ބައެއް ސްކޫލްތަކުގެ ކިޔެވުންވަނީ މެދުކަނޑާލާފަ އެވެ.
ލޯ ޕްރެޝަރުގައި އުފެދިފަ ހުރި އެ ކޮޅިގަނޑު މިހާރު ޕްރެޝަރަށް ބަދަލުވެފައިވާ ކަމަށް ލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި ކޮޅިގަނޑުގެ ބާރު އަދިވެސް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި ގާތްގަނޑަކަށް 60-70 މޭލުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކޮޅިގަނޑުގެ ބާރު ގަދަވާ ވަގުތުތަކުގެ ގަޑިއަކު 70 މޭލާ 80 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން ލަންކާގެ ދެކުނު ޕްރޮވިންސަށާއި މެދުތެރޭގެ ޕްރޮވިންސަށާއި އުވަ ޕްރޮވިންސް އަދި ހުޅަނގު ޕްރޮވިންސަށް 150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށާއި އެހެން ސަރަހައްދުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ