އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދުޢާކުރުމަކީ ވަރަށް މުހިންމު އަޅުކަމެކެވެ. ގިނަގިނައިން ދުޢާކުރުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވޮޑިގެންވާ ސިފައެކެވެ. އަދި ދުޢާކުރުމުން އިޖާބަވާން މެދުވެރިވާ ސަބަބުތަކާއި އިޖާބަ ނުވާ ސަބަބުތައް ވެސް ވެއެވެ. އަދި ވަޤުތުތައްވެސް ވެއެވެ. އެގޮތުން މިލިޔުމުގައި އަލިއަޅުވާލެވެނީ ދުޢާ އިޖާބަ ނުކުރެއްވޭ ބައެއް ސަބަބުތަކާއި މެދުގައެވެ. އެގޮތުން އެފަދަ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ބައެއްކަންކަން ތިރީގައި ވަނީއެވެ.
ހ. ޙަރާމްކަމަކަށް އެދި ދުޢާކުރުން.
ށ. ރަޙިމުގެ ގުޅުން ކެނޑޭފަދަ ކަމަކަށް ދުޢާކުރުން.
ނ. ދުޢާ އިޖާބަ ނުވެގެން ލަސްވެގެން ނޫޅުން.
ރ. ޙަލާލު ނޫން ގޮތުގައި ކައިބޮއި އަދި އެހެން ގޮތްގޮތަށް އޭނާގެ ބޭނުންތައް ފުއްދުން.
މަތީގައިވާ ފުރަތަމަ ތިންކަންތައް އެނގެނީ އަންނަނިވި ޙަދީޘުންނެވެ. (لَا يَزَالُ يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ مَا لَمْ يَسْتَعْجِلْ" قِيلَ يَا رَسُولَ اللَّهِ مَا الِاسْتِعْجَالُ: قَالَ يَقُولُ قَدْ دَعَوْتُ وَقَدْ دَعَوْتُ فَلَمْ أَرَ يَسْتَجِيبُ لِي فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ) މާނައީ: "ފާފާއަކަށް ނުވަތަ ރަޙިމުގެ ގުޅުން ކެނޑުމަށް ނުވަތަ (ދުޢާ އިޖާބަވުން ލަސްވެގެން) އަވަސްއަރައިގެން ނޫޅޭހާ ހިނދަކު އަޅާއަށް ދުޢާއަށް އިޖާބަކޮށްދެއްވައެވެ. (ޞަޙާބީން)ދެންނެވިއެވެ. އަވަސްވެގެން އުޅުމަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެއީ ތިމަންނަ ދުޢާކޮށްފީމާ ޔަޤީނުންވެސް ދުޢާކޮށްފީމޭ އަދި ތިމަންނައަށް ދުޢާ އިޖާބަވާތަނެއް ނުފެނެޔޭ (މިފަދައިން) ބުނުމެވެ. އަދި އެޔަށްފަހު ދުޢާކުރުން މެދުކަނޑާލައި ދުޢާކުރުން ދޫކުރުމެވެ."
ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވެފައިވާ ކަމަށް ފަތުޙުލް ބާރީގައި އިބުނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ދުޢާ އިޖާބަ ނުވުމަށްވުރެ ތިމަންބޭކަލުންނަށް ބޮޑުވެގެންވާ ކަމަކީ ދުޢާކުރުން ހުއްޓާލެވިދާނެތީއެވެ" ސަބަބަކީ ދުޢާކުރުމަކީ ﷲ ލޯބިވޮޑިގަންނަވާ އަޅުތަކުންގެ ސިފައެކެވެ. އަދި ދުޢާކުރުން މަތީ އަބަދުވެސް ހުންނަން ޖެހެއެވެ. އުއްމީދު ކަނޑާލައިގެން ނުވާނެއެވެ.
ހަތަރުވަނަ ކަންތައް ޙަރާމްކަން އެނގެނީ އަންނަނިވި ޙަދީޘް ބަސްފުޅުންނެވެ.
(إنَّ اللَّهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ تَعَالَى: "يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا"، وَقَالَ تَعَالَى: "يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ" ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِّيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لَهُ؟) رواه مسلم في صحيحه: 1015.
މާނައީ: ""ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ހުސްޠާހިރުވެވޮޑިގެންވާ ހުރިހާ ފުރިހަމަކަމެއްލިބިގެންވާ އިލާހެވެ. އެއިލާހު ރަނގަޅުކަންކަން މެނުވީ ޤަބޫލުނުކުރައްވައެވެ. އަދި ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ މުއުމިނުތަކުންނަށް އެއިލާހު ފޮނުއްވި ރަސޫލުބޭކަލުންނަށް އަމުރުކުރެއްވިފަދައިން އަމުރު ކުރައްވައެވެ. އެއިލާހު ވަޙީކުރައްވައެވެ. "يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا. މާނައީ: "އޭ އެންމެހާ ރަސޫލުންނޭވެ. ފަހެ ރަނގަޅުހެޔޮތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ. އަދި ތިޔަބައިމީހުން ހެޔޮޢަމަލުކުރާށެވެ." އަދިވެސް އެއިލާހު ވަޙީކުރައްވައެވެ. "يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ" މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ތިމަންއިލާހު ދެއްވި ހެޔޮރަނގަޅު(ޙަލާލު)ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ." އެޔަށްފަހު އެކަލޭގެފާނު ދިގުދަތުރެއްކޮށްފައި ކަރުހިއްކައިގެން މަގުގެއްލިފައިވާ މީހާގެ ވާހަކަ ވިދާޅުވެދެއްވިއެވެ. ފަހެ އޭނާގެ ދެއަތް އުޑާދިމާޔަށް އުފުލައި (ބުނެތެވެ): އޭ ރައްބެވެ. އޭރައްބެވެ. ފަހެ އޭނާ ކައިއުޅުނީ ޙަރާމްތަކެއްޗެވެ. އަދި ބޮއޮއުޅުނީ ހަރާމްތަކެއްޗެވެ. އަދި ލައިއުޅުނީ ޙަރާމްތަކެއްޗެވެ. އަދި އޭނާއަށް ކާންދެވިފައިވަނީ ޙަރާމްތަކެއްޗެވެ. ފަހެ އޭނާގެ ދުޢާ އިޖާބަކުރެއްވޭނީ ކިހިނަކުންހެއްޔެވެ؟"
ދުޢާ ކުރުމުން މެދުވެރިވާ ތިންގޮތް
ހ. ދުޢާ އިޖާބަކުރެއްވުން.
ށ. ނުވަތަ އާޚިރަތް ދުވަހުން އެފަދަ ކަމެއް(ނުވަތަ އެޔަށްވުރެ ރަނގަޅުކަމެއް ނުވަތަ އެކަމަށް ޘަވާބު ދެއްވުމަށް) ލަސްކުރެއްވުން.
ނ. އެދުޢާކުރިކަމާ އެއްވަރު ނުބައިކަންތައްތަކުގެ ތެރެއިން ކަމެއް އޭނާގެ ކިބައިން ފިއްލަވައި ދެއްވުން.
ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَا مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ وَلَا قَطِيعَةُ رَحِمٍ إِلَّا أَعْطَاهُ اللَّهُ بِهَا إِحْدَى ثَلَاثٍ إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ وَإِمَّا أَنْ يَصْرِفَ عَنْهُ مِنْ السُّوءِ مِثْلَهَا) رواه أحمد في مسنده 11133 و صححه الترمذي والحاكم والألباني.
މާނައީ: "ފާފައަކަށް ނުވަތަ ރަޙިމުގެ ގުޅުން ކަނޑާލުން ނޫން ކަމަކަށް ދުޢާކޮށްފިނަމަ، އެދުޢާގެ މައްޗަށް ތިންކަމަކުން ކުރެކަމެއް އެމީހަކަށް ނުދެއްވާ ނުވެއެވެ. އެއީ އެމީހަކަށް އޭނާގެ ދުޢާ އިޖާބަކޮށްދެއްވުމެވެ. ނުވަތަ އާޚިރަތް ދުވަހުން އެފަދަ ކަމެއް(ނުވަތަ އެޔަށްވުރެ ރަނގަޅުކަމެއް ނުވަތަ އެކަމަށް ޘަވާބު ދެއްވުމަށް) ލަސްކުރެއްވުމެވެ. ނުވަތަ އެދުޢާކުރިކަމާ އެއްވަރު ނުބައިކަންތައްތަކުގެ ތެރެއިން ކަމެއް އޭނާގެ ކިބައިން ފިއްލަވައި ދެއްވުމެވެ."
އެހެންކަމުން އަޅުގަނޑުމެން މިކަންކަން ދެނެގަނެ ޙަލާލު ކާބޯތަކެތި ކައި އަދިވެސް ދުޢާ އިޖާބަވުން މަނާވާ ކަންކަމުން ދުރުވެ އަދި ދުޢާ އިޖާބަވާ އެހެނިހެން ސަބަބުތަކުގައި ހިފައިގެން ދުޢާކުރުން ގިނަކުރަން ޖެހެއެވެ.
وصلى الله وسلم على محمد و آله و صحبه أجمعين. آمين. مرجع/ الدروس اليومية.
ދުޢާ އިޖާބަ ނުވާ ސަބަބުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ