ޕީޕީއެމްގެ މައްސަލަ އަށް މައުމޫން ތަދައްހުލްވެއްޖެ

ޕީޕީއެމް ރައީސް ޔާމީން އާއި ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފް ކުރުމަށް ހުށަހެޅި މައްސަލައިގެ ތެރެއަށް އެޕާޓީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ތަދައްހުލް ވެއްޖެއެވެ.
މިމައްސަލައިގައި މިއަދު ހެނދުނު ހައިކޯޓުގައި އޮތް ޝަރީއަތުގައި ޕީޕީއެމް އިން ވެސް ވަނީ މައްސަލައިގެ ތެރެއަށް ތަދައްހުލް ވާން އެދިފައެވެ. މިއަދު ހެނދުނު ބޭއްވި އަޑުއެހުން ނިންމާލާފައި ވަނީ މިއަދު ހަވީރު 15:00 ގައި އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމުމަށް ފަހުއެވެ.
ޕީޕީއެމްގެ މެންބަރަކު ހައިކޯޓަށް ހުށަހެޅި މިމައްސަލައިގައި އިސްތިއުނާފް ކޮށްފައި ވަނީ ދެނުކުތާއެކެވެ. އިސްތިއުނާފްގެ ނުކުތާތައް ހުށަހަޅަމުން ވަކީލް އާދަމް އާސިފް ވިދާޅުވީ ފުރަތަމަ ނުކުތާ އަކީ ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ޤާނޫނު އަސާސީ އާއި ހިލާފު ވެފައިވާ ކަމަށް ބުނާއިރު ހިލާފުވެފައި ވަނީ ކޮން މާއްދާ އަކާއި ދައުވާ ކުރާ ފަރާތުން ސާފުކޮށްދީފައި ނުވުން ކަމަށާއި އަދި ދެވަނަ ނުކުތާ އަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ހިލާފު ކަަމށް ބުނެފައި ވާއިރު ހިލާފު ވެފައިވަނީ ކޮން މާއްދައަކާއި ކަން ބުނެދެވިފައި ނުވާއިރު އެކަންކަމަށް ރިއާޔަތް ކޮށްފައި ނުވުން ކަމަށެވެ.
ދައުވާ ރައްދުވާ ޝިޔާމް އާއި ޝާހިދުގެ ވަކީލު ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު ވިދާޅުވީ އެދައުވާގައި ޤާނޫނު އަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ހިލާފު ކަމެއް ބުނެފައި ނުވާ ކަމަށެވެ. ދައުވާ ބިނާ ކޮށްފައި ވާނީ ޕާޓީގެ އަސާސީ ޤަވައިދާއި ޕާޓީގެ ހިންގާ ޤަވައިދާއި ޕާޓީގެ ރައީސް އަމަލު ކުރަމުންދާ އުސޫލަށް ކަމަށް ވަކީލް ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެމައްސަލައަށް ތަދައްހުލްވި ޕީޕީއެމްގެ ރައީސް މައުމޫންގެ ވަކީލް ކުރީގެ ޕީޖީ އަހްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަމުން ފެއްޓެވުމުން ފަނޑިޔާރު ވަނީ "މައުމޫން މިހާރު ބަދަލުވީތޯ" މުއިއްޒު އާއި ސުވާލު ކުރައްވާފައެވެ.
ރައީސް މައުމޫންގެ ފަރާތުން ވެސް ގިނަ ނުކުތާތަކެއް ހައިކޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ވަކީލް މުއިއްޒު ވިދާޅުވީ އެމައްސަލަ އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު އިސްތިއުނާފް ކުރި ފަރާތައް ލިބޭ ކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ.
ޕީޕީއެމް ޕާޓީގެ މުސްތަޝާރާއި ހަވާލު ކުރަން ހައިކޯޓުން ހުކުމް ކޮށްފައިވާއިރު މުސްތަޝާރަކީ ޕާޓީގެ ހިންގުމުގެ އެއްވެސް ދައުރެއް އޮތް ބޭފުޅެއް ނޫން ކަމަށާއި ޕާޓީގެ ރައީސް އަށް ފަހު އެންމެ ގަދަރުވެރި މަގާމަކީ މުސްތަޝާރު ކަމަށް ވީނަމަވެސް ރައީސްއަށް ފަހު އެންމެ އިސް ވަނީ ނައިބު ރައީސް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ސިވިލް ކޯޓަށް ލިބިގެން ވަނީ ޕާޓީގެ އަސާސީ ޤަވައިދާއި ސިޔާސީ ޕާޓީގެ ޤާނޫނާއި އެއްގޮތައް ޙުކުމް ކުރުން ނަމަވެސް އެއާއި ހިލާފަށް ޙުކުމް ކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޕާޓީ ހިންގުމަށް މުސްތަޝާރާއި ހަވާލު ކުރުމަށް ދައުވާ ކުރާ ފަރާތުން އެދިފައި ނުވަނީސް އެގޮތައް ޙުކުމް ކޮށްފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވެވިއެވެ.
"ކޯޓުން އަސާސީ ޤަވައިދާއި ހިލާފަށް ޙުކުމް ކުރުމަކީ ޕާޓީގެ އަސާސީ ޤަވައިދު ކޯޓުން ލިޔުން ކަހަލަ ކަމެއް" ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވިއެވެ.
މިމައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ