ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ އަހުމަދު އިސްމާއީލް (އަހަނދު)ގެ މައްސަލަ އިއްޔެ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ. ޓެގު އެޅުވުމަށް ފަހު ގޭބަންދަށް ދޫކޮށްލާފައި ހުރި އިސްމާއީލުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެކަށީގެންވާ ހެކި ނެތް ކަމަށް ކަނޑައަޅައިފަ އެވެ.
ވީ ކިހިނެއް؟ - މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ، މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން މަރާލުމުގެ މައްސަލާގައި މިދިޔަ އަހަރުގެ 26 ޖޫންގައި ހައްޔަރުކޮށް، ޖެހިގެން އައި 1 ސެޕްޓެމްބަރުގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ:
އަހުމަދު އިސްމާއިލް (އަހަނދު)، މއ. ފާގަފިލާގެ، 39 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުން އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ)، މ. ލެގޫންވިއު، 30 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ
އަހްމަދު މުއާޒު (ގަޓު މުއާ)، މާލޭ ދަފްތަރު އާރުއެސް 8499، 40 - ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
މި ތިން މީހުން ވެސް މިފަހުން ވަނީ ޓެގު އެޅުވުމަށް ފަހު ގޭބަންދަށް ދޫކޮށްލައިފަ އެވެ.
ސިއްރުކޮށްގެން ވަކިވަކިން ކުރިއަށް ގެންދާ އެ މައްސަލާގައި އިސްމާއީލުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އިއްޔެ ވަނީ ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި، މަަދަނީ މިންގަނޑުން ބަލާއިރު، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި އެ މައްސަލަ ބޭރުކޮށްލާފައިވާކަން 'ދައުރު' އަށް އެ ކޯޓުން ކަށަވަރުކޮށްދިނެވެ.
ތަފްސީލް - ކޯޓުގެ ނިންމުމުގައި ވަނީ:
އިސްމާއީލުގެ މައްޗަށް ކުރާ ދައުވާތަކުގެ ކުށުގެ އެލިމެންޓްސް އޮތް ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައެއް ނެތް
ކުށުގެ އަމަލު ހިންގުމަށް އެހީތެރިވެދޭން ވަކި ކަންތައްތަކެއް ކުރިކަމުގެ އެކަށީގެންވާ ހެއްކެއް ނެތް
އިސްމާއީލު ކުރި ކަމަށް ބުނާ ކަންކަމާ ގުޅޭ ހެކި ހުރި ނަމަވެސް އެއީ އެހީތެރިވުމުގެ ގޮތުން ނުވަތަ އިންތިޒާމު ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވޭނެ ހެއްކެއް ނެތް
ފަސްމަންޒަރު - މިއީ ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް، ދައުވާ ކުރަން ފޮނުވައި ކޯޓަށް މައްސަލަ ހުށަހެޅި ފުރަތަމަ މައްސަލަ އެވެ. ޔާމީނާއި ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
2017 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް ޔާމީން މަރާލި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ކުރިން ދައުވާ އުފުލި
އެ މީހުންގެ ތެރެއިން ދައުވާ ސާބިތުވީ އެންމެ ދެ މީހެއްގެ މައްޗަށް
އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކޯޓުން ނިންމުމުން، ޕީޖީން ވަނީ އެ މައްސަލަ އެ އަހަރުގެ އޭޕްރީލްގައި ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި
2014 ވަނަ އަހަރު ގެއްލުވާލި ނޫސްވެރިޔާ ރިލްވާން މަރާލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރިން އުފުލި
އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް 2018ގައި ވަނީ ހުކުމް ކޮށްފައި؛ އެ ހުކުމް އިސްތިއުނާފެއް ނުކުރޭ
މަރު ކޮމިޝަން ބުނެފައިވަނީ، ރިލްވާން ކިޑްނެޕްކުރުމަށް ފަހު ރާއްޖޭގެ އަލް-ގައިދާ ގޮފިން އޭނާ މަރާލާފައިވާ ކަމަށް
ޔާމީން އާއި ރިލްވާންގެ މަރު: ހެކި ނެތިގެން އަހުމަދު އިސްމާއިލް މިނިވަންވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ