އެންސިސްގައި ރޯވުން: ދުން ބޯވާތީ އެ ސަރަހައްދުގައި އުޅޭ މީހުން ސަމާލުވާން އެދިއްޖެ

ހުޅުމާލޭ ފޭސް އެކެއްގެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސްގެ ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުން ދުން އަރާތީ، ސަމާލުވާން ފުލުހުން އެދިއްޖެއެވެ. އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. https://sun.mv/208446 މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި ބެލެވެނީ އަލިފާން ރޯވެފައިވަނީ ގުދަން ހުންނަ ތިންވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ފުރާޅުން ދުން އަރަމުން އަންނައިރު، އަލިފާން ހުޅުގަނޑު މާ ބޮޑަކަށް ބޭރަށް ނުފެންނަ ކަމަށް ބުންޏެވެ. އެންސިސްގެ ގުދަނެއްގައި ރޯވުން: ދުން އަރާތީ އެ ސަރަހައްދަށް ނުދާން އެދިއްޖެ -- ސަން ފޮޓޯ/ ޝާމިން މި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައެވެ. އަދި މި ހާދިސާގެ ސަބަބުން، ޚާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، ފުލުހުންވަނީ ސަމާލުވާން އެދިފައެވެ. އެހެން ކަމުން، ޒަރޫރީ ބޭނުންތަކުގައި ނޫނީ، އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށް ދާ މީހުން މަގު ބޭނުންކުރާއިރު ޚާއްސަ ސަމާލުކަމެއް ދޭން ފުލުހުން އެދެއެވެ. އަދި އެ ސަރަހައްދާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ އެންމެން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕައި، ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރެއެވެ. ފުލުހުން ބުނީ، މި ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން، ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި އެ ސަރަހައްދުގައި އެ ޚިދުމަތުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އެންމެން ވެސް އަމަލު ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އެންސިސްގެ ގުދަނުގައި ރޯވިއިރު، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ގުދަނުގައި ހުރި ހުޅު ހިފާ ޒާތުގެ އެއްޗެހި ތަނުން ބޭރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަލިފާނުގެ ހާދިސާ ހިނގި ގުދަނުގެ ތިރީބައިގައި ބޭނުންކުރަނީ މަސް ފިނިކޮށް، ރައްކާކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ