މެސީގެ ދެ ގޯލާ އެކު މިއާމީ އަށް މޮޅެއް މެސީގެ ދެ ގޯލާ އެކު މިއާމީ އަށް މޮޅެއް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 14) - ލިއޮނަލް މެސީގެ ދެ ގޯލާ އެކު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގައި ކުޅުނު މެޗުން ނޭޝްވިލް އެސްސީ އަތުން 2-1 އިން އިންޓަ މިއާމީ މޮޅުވެއްޖެ އެވެ.
އުމުރުން 38 އަހަރުގެ މެސީ އަކީ އެމްއެލްއެސްގައި މި ވަގުތު އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިޔާ އެވެ. މި ފަހަރުގެ އެމްއެލްއެސް ސީޒަނުގައި، މިހާތަނަށް ކުޅުނު 16 މެޗުން 16 ގޯލު ޖަހައިފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗެއްގައި މެސީ ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ނޭޝްވިލްއާ ދެކޮޅަށް ކުޅުނު މެޗުގެ 17 ވަނަ މިނިޓްގައި، މެސީ، އިންޓަ މިއާމީ އަށް ލީޑުނަގައިދިނީ ހިލޭ ޖެހުމަކުން ލިބުނު ފުރުސަތެއްގައި ޖެހި ގޯލަކުންނެވެ. މި ލަނޑާ އެކު، އިންޓަ މިއާމީން ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިންމާލި އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ހަތަރު މިނިޓް ތެރޭ ނޭޝްވިލް އިން ވަނީ އެއްވަރުކޮށްފަ އެވެ. ނޭޝްވިލް އަށް މި ލަނޑު ޖަހައިދިނީ ހާނީ މުހުތާރު އެވެ.
މެޗުން އިންޓަ މިއާމީ މޮޅުވި ގޯލު ޖެހީ، 62 ވަނަ މިނިޓްގައި މެސީ އެވެ. ނޭޝްވިލް ފަހަތަށް އައި ބޯޅައެއްގައި، އެ ޓީމުގެ ގޯލްކީީޕަރު، ޖޯޝް ވިލިސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، މެސީ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
އީސްޓާން ކޮންފަރެންސްގައި މި ވަގުތު އިންޓަ މިއާމީ އޮތީ ފަސް ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ފިލަޑެލްފިއާ އާއި މިއާމީއާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ. މިއާމީ ކުޅެފައިވަނީ، ފިލަޑެލްފިއާ އަށް ވުރެ ތިން މެޗު މަދުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ