ރައީސް، އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭޕީޕީޖީ)ގެ ބައްދަލުކުރެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.މި ބައްދަލުކުރެއްވުމުގައި، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ.އޭ.ޕީ.ޕީ.ޖީގެ ކޯ-ޗެއަރ، ޔާސްމީން ޤުރެއިޝީ އެމް.ޕީ، ބައްދަލުވުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް އޮތް ޒިންމާގެ މައްޗަށާއި، އެފަދަ ގައުމުތަކަށް ފޯރުކޮށްދޭންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި، ބައިނަލްއަގުވާމީ އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައިވެ އެވެ.މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަކީ އިހްތިރާމާއި، އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށާއި، މިގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އިސްކަންދެއްވާނެ ކަމުގައި ވިދާޅުވި އެވެ.އަދި، ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އާއި ޑިމޮކްރަސީ ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި ދިފާއީ ދާއިރާ ހަރުދަނާކުރުމާއި މިދާއިރާތަކުން ކެޕޭސިޓީ އިތުރުކުރުމުގައި އިނގިރޭސިވިލާތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ރައީސް ޝުކުރުއަދާކުރެއްވި އެވެ.މީގެ އިތުރުން، ތައުލީމާއި ސަގާފީ ރޮނގުން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލައްވާފައިވެ އެވެ. ރައީސްގެ ވާހަކަފުޅުގައި، ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި އޭޕީޕީޖީ އިން އަދާކުރަމުންދާ ދައުރަށް ފުރިހަމަ އިތުބާރު އޮތް ކަމަށްވެސް ވިދާޅުވިއެވެ.ބައްދަލުވުން އިފްތިތާހު ކުރުމުގެ ވާހަކަފުޅުތަކަށްފަހު، ދެގައުމުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ