އެކްސިޑެންޓްގައި އަނިޔާވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުގައި؛ 16 އަހަރުގެ ކުއްޖާ ވޯޑުގައި

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާ ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު އެ އެކްސިޑެންޓްގައި އަނިޔާވި 16 އަހަރުގެ ކުޑަކުއްޖާއަށް ވޯޑުގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ރޭ އެކްސިޑެންޓެއް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ އިތުރުން އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.  
އޭގެ ތެރެއިން މަރުވީ ސައިކަލު ދުއްވަން އިން 17 އަހަރުގެ ފިރިހެން ކުއްޖާ އެވެ. އަނިޔާވީ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ އާއި ދުވަމުން މަގު ހުރަސްކުރަން ދިޔަ 40 އަހަރުގެ މީހާ އެވެ.
ތަފްސީލް - އައިޖީއެމްއެޗުން ބުނި ގޮތުގައި:
40 އަހަރުގެ މީހާއަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުން
16 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުން ދަނީ ވޯޑުގައި
ހާލު ސީރިއަސް؛ އިތުރު ތަފްސީލެއް ނެތް
ފާހަގަކޮށްލެވޭ - މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި 17 އަހަރުގެ ކުއްޖަކީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުރު ޔޫސުފް އަލްސަން އެވެ.  
އެނގުން މުހިންމު - މަންޒަރު ދުށް މީހަކާ ހަވާލާދީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހުރި 'ދައުރު'ގެ ނޫސްވެރިޔަކު ބުނީ އެކްސިޑެންްޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލު ނުވެ، އެ ވަގުތު މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހިގެން ކަމަށެވެ. އެ ވަގުތު އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގެ ދަށުވީ ކަމަށް ވެސް ނޫސްވެރިޔާ ބުންޏެވެ.
'ދައުރު'އަށް ލިބިފައިވާ ވީޑިއޯއިން ފެންނަނީ އެކްސިޑެންޓުގައި ދެ މީހެއްގެ ބޯ ވަރަށް ބޮޑަށް ފެޅިފައިވާ ތަނެވެ. އޭގެ ތެރެއިން އެކެއްގެ ބޮލުގެ ފުށްކިބަ ވަރަށް ބޮޑަށް ގޭނި، ވަރަށް ގިނައިން ލޭ ފައިބައިފައި ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ