އެކްސިޑެންޓްގައި އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ނިޔާވުމުން އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.ބޮޑުތަކުރުފާނު މަގު، މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި އެވެ. އެކްސިޑެންޓެއް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ އިތުރުން އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.ފުލުހުން ބުނީ ރޭގެ އެކްސިޑެންޓުގައި މަރުވި 17 އަހަރުގެ ކުއްޖާ އަކީ އެކްސިޑެންޓުވި ސައިކަލުގައި އިން ކުއްޖެއް ކަމަށެވެ. އަލްސަންއާ އެކު ދެން ސައިކަލުގައި އިނީ 16 އަހަރުގެ ކުއްޖެކެވެ.އަލްސަން އަކީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅެވެ.ރައީސް މުއިއްޒު މިއަދު "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައި އެވެ.އެމަނިކުފާނު ވަނީ އެކްސިޑެންޓުގައި އަނިޔާވެ، ފަރުވާ ހޯދަމުންދާ 16 އަހަރުގެ ކުއްޖާ އާއި 40 އަހަރުގެ މީހާއަށް އަވަސް ޝިފާއަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ