ޣައްޒާގައި ބޯފެން ހޯދަން ކިޔޫގައި ތިބި 17 މީހުން ޝަހީދުކޮށްލައިފި
ޣައްޒާ (14 ޖުލައި 2025): ޣައްޒާގައި ބޯފެން ފޯރުކޮށްދޭ ތަނެއްގެ ކައިރީގައި ބޯފެން ހޯދަން ކިޔޫ ޖެހިގެން ތިބި ބަޔަކަށް އިސްރާއީލު ސިފައިން ބަޑިން ހަމަލާދީ އޭގެ ތެރެއިން 17 މީހަކު ޝަހީދުކޮށް 30 އަށް ވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފިއެވެ. ޚަބަރުތައް ބުނާގޮތުން ފެން ހޯދުމަށް ކިޔު ހަދައިގެން ތިބި މީހުން ހަމަލާދީ ޝަހީދުކޮށްލި 17 މީހުންގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނެއެވެ. ޒަޚަމުކޮށްލި މީހުންގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. މިއީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އަމާޒުކޮށްގެން އިސްރާއީލު ރާވައިގެން ހިންގަމުން ގެންދާ ގަތުލުއާންމުތަކުގެ ތެރޭގައި ހިމެނޭ ގަތުލުއާންމެއްކަމަށް ޣައްޒާގައި ވެރިކަން ކުރާ ހަމާސްގެ ސަރުކާރުން ބުނެއެވެ. ޣައްޒާގެ ސިއްހަތާބެހޭ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އިސްރާއީލުންވަނީ ބޮން އަޅައިގެންނާ އަދި ބަޑިން ހަމަލާތައް ދީގެން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދީފައިވާ ޙަމަލާތަކުގައި ޣައްޒާގެ އާންމުންގެ 140 މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އިސްރާއީލު ސިފައިންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ އާންމުން ކާބޯތަކެތި ހޯދުމަށް ޖަމާވާ ތަންތަނަށާއި ޣައްޒާގެ އާންމުން ދިރިއުޅޭ ފޮތި ފޭލިގެތަކަށެވެ. އިސްރާއީލުގެ ސަލާމަތީކަންތައްތަކާ ބެހޭ ވަޒީރު އިތަމާރު ބެންގަވީރު ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައިގެންނާ އަދި ޣައްޒާގެ ރައްޔިތުން މަރައިގެން ވެސް އެ މީހުން ޣައްޒާއިން ބޭރުކުރެވެންދެން ހަމަލާތައް ކުރިއަށް ގެންދިޔުމަށް އިސްރާއީލުގެ ސިފައިންގެ ކިބައިން އެދިފައެވެ. އިސްރާއީލަށް ޣައްޒާގައި ހަމާސް ބަލިކުރުމާއި ރަހީނުން މިނިވަންކުރުން ފަދަ އަސްކަރީ ލަނޑުދަނޑިތައް ހާސިލުނުވާއިރު އެކަން ފޫބެއްދުމަށްޓަކައި އިސްރާއީލު ހިންގާ ޖަރީމާތަކަކީ ގަތުލުއާންމު ހިންގައިގެންނާ އަދި ކާބޯތަކެތިން މަހުރޫމުކޮށް ހައިހޫނުކަމުގައި ޖައްސައިގެން ޣައްޒާގެ އާންމުން މެރުމެވެ. ކާބޯތަކެތި ނުލިބި ހައިހޫނުކަމުގައި ވެސް 67 ކުޑަކުއްޖަކު އިއްޔެ މަރުވެފައިވާކަމަށް ޣައްޒާގެ ސިއްހަތާބެހޭ އިދާރާއިން ބުނެފައިވެއެވެ. ޣައްޒާގައި ހަމަލާތައް ހުއްޓާލުމުގެ ޑީލަކަށް ދިޔުމާބެހޭ ވާހަކަތައް ކުރިއަށްދާ ކަމަށް އެމެރިކާއާއި އިސްރާއީލުން ބުނި ނަމަވެސް ޣައްޒާއަށް ކާބޯތަކެތި ވެއްދުން މަނާކުރުމަށް އިސްރާއީލުން ނިންމާފައިވާ ނިމުން އުވާލަން އިސްރާއީލު ބޭނުންނުވާތީއާއި އަދި ޣައްޒާގެ ބޮޑުބަޔަކުން ފޭބުމަށް އިސްރާއީލު ދެކޮޅު ހަދާތީ ޑީލަކަށް ދިޔުމަށްވަނީ ހުރަސްތަކެއް އެޅިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ