ފީނަން އުޅެނިކޮށް ގެއްލުނު 15 އަހަރުގެ ކުއްޖާ ފެނުނީ މަރުވެފައި އޮއްވައި

އދ. މާމިގިލީ ކައިރިއަށް މިއަދު ފީނަން ގޮސް އުޅެނިކޮށް ގެއްލުނު 15 އަހަރުގެ ފިރިހެން ކުއްޖާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މާމިގިލީ ކައިރިއަށް މިއަދު މެންދުރު ހަތަރު ކުދިން ފީނަން ދިޔަ ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ 19:00ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފާއި ރަށު ރައްޔިތުން ކުރިއެވެ. އެ މަސައްކަތުން މިރޭ އެ ކުއްޖާ ފެނުނީ މާމިގިލީ ބޭރުން ކަމަށާއި ކުއްޖާ ގެންދިޔައީ މާމިގިލީ ސިއްހީ މަރުކަޒަށް ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފީނަން އުޅުމުގެ ތެރޭގައި މީގެ ކުރިން ވެސް ނުރައްކާތެރި ހާދިސާތައް ހިނގައިފައިވެއެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ރާއްޖެ އަންނަ ފަތުރުވެރިންނަށް އެކަނި ބަލާއިރު ވެސް، މޫދުގައި ހިނގާ ނުރައްކާތެރި ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ