މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބެންޖެހޭ 477 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެތައް އަހަރެއް ދިގުލައިގެން ގޮސްފައިވާކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 2022 ވަނަ އަހަރުގެ މާލީ ބަޔާން އަދި އޭގެ ކުރީ ދެއަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވަނީ ކަސްޓަމްސްއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރިއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާއަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ކަމަށެވެ. އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިހާތަނަށް އެންމެ ގިނަ ފައިސާ ނުލިބި ވަނީ 2022 ވަނަ އަހަރެވެ.
ކަސްޓަމްސްއަށް 2022 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 83.31 އިންސައްތައަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ އަދަދެވެ. އޭގެ އިތުރަށް ދެން ހިމެނެނީ ޖޫރިމަނާ އާއި، ރޮޔަލްޓީ އަދި ދުންފަތުގެ ޖޫރިމަނާއެވެ.
- އިމްޕޯޓް ޑިއުޓީން: 398.1 މިލިއަން ރުފިޔާ
- ޖޫރިމަނާ: 77.2 މިލިއަން ރުފިޔާ
- އެހެނިހެން: 915،742 ރުފިޔާ
- ރޮޔަލްޓީ: 867،009 ރުފިޔާ
- ދުންފަތުގެ ޖޫރިމަނާ: 660،827 ރުފިޔާ
ކަސްޓަމްސްއަށް ނުލިބިވާ ފައިސާއާ ގުޅިގެން އެ އިދާރާއިން ރިޕޯޓްގައި ފާހަގަކޮށްފައިވާ އެއްކަމަކީ ކޯޓުތަކުން ހުކުމް ކުރުމަށްފަހު ތަންފީޒުނުވެ ދިގުލަމުންދާ މައްސަލައެވެ. އެގޮތުން 2022 ވަނަ އަހަރު އެކަނިވެސް ޝަރުޢީ މަރުހަލާގެ ތެރެއިން އެކަނިވެސް 160.6 މިލިއަން ރުފިޔާ ލިބެންޖެހޭކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.
- ސަލްޓަންސް އޮފް ދަ ސީސް ކުންފުނިން: 110.2 މިލިއަން ރުފިޔާ
- ސެންޓަރ އެންޓަރ ޕްރައިސިސް ކުންފުނިން: 8.3 މިލިއަން ރުފިޔާ
- ޓްރާންސް ފިއުލް މޯލްޑިވްސް: 1.9 މިލިއަން ރުފިޔާ
- އެހެނިހެން (11 ފަރާތެއް) : 2.1 މިލިއަން ރުފިޔާ
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ މުދާ އެތެރެކުރުމުގައި އަމަލުކުރަމުންދާ ބައެއް އުސޫލްތަކުގެ ސަބަބުންވެސް ލިބެންޖެހޭ ފައިސާ ހޯދުމުގައި ދަތިތައް ކުރިމަތިވާކަމަށެވެ. އެގޮތުން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމުގައި ދިމާވާ ހިރާސްތައް ނައްތާލުމަށްޓަކައި ޑިއުޓީ ރިކަވަރ ކުރެވޭނެ ނިޒާމެއް އެކުލަވާލުމަށް ގާނޫނު އަދި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހު ގެނަުއމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތްކުރުމަށް އެދިފައެވެ.
ކަސްޓަމްސްއަށް ލިބެންޖެހޭ 477 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ