ރާއްޖެއަކީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއް ނޫން ކަމަށާއި ރާއްޖޭގައި އިންވެސްޓަރުންނަށް ވެސް ގިނަ ފުރުސަތުތައް އެބަހުރި ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި އިއްޔެ ބޭއްވި އިންވެސްޓުމެންޓު ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް ފާހަގަކުރައްވައި، އިނގިރޭސި އިންވެސްޓަރުންނަށް ދައުވަތު ދެއްވައިފަ އެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ރާއްޖެ އޮންނަނީ ސްޓްރެޓެޖީގެ ގޮތުން ބަލާއިރު މުހިއްމު ސަރަހައްދެއްގައި ކަމަށާއި ރާއްޖޭގެ އާބާދީގައި ޒުވާނުންގެ ހިއްސާބޮޑުއިރު އެމީހުންނަކީ ހުނަރުވެރި، ގާބިލު ބަޔެއް ކަމަށެވެ.
އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމްކުރުމަށް މިދިޔަ އަހަރު ފޮރިން އިންވެސްޓުމެންޓް ގާނޫނެއް އެކުލަވާލާ އަމަލު ކުރަން ފަށާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވަނީ، އެ ގާނޫނުގައި އިންވެސްޓަރުންނަށް ހުރި ފަށޭހަތައް ފާހަގަ ކުރައްވައިފަ އެވެ.
އެ ގާނޫނަކީ އިންވެސްޓަރުންނަށް ފަށޭހަތައް ލިބިދޭ ބައިބަލްއަގުވާމީ ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް އެކުލަވާލާފައިވާ ގާނޫނެއް ކަމަށް ރަައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ
ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައި އިންވެސްޓު ކުރުމުގެ ފުރުސަތު ވެސް އިންވެސްޓަރުންނަށް ހުޅުވާލާފައިވާކަމަށް
ހަކަތަ އާއި ސިއްހީދާއިރާ، ޕޯޓު ޑިވެލޮޕްމެންޓު، ތައުލީމު އަދި ފައިނޭންސްގެ ދާއިރާ އިން އެ ސަރަހައްދުތަކަށް އިންވެސްޓު ކުރުމުގެ ފުރުސަތު އޮންނާނެ
"ނަތީޖާ ނިކުންނާނެ ވިޔަފާރީގެ ފުރުސަތުތަކާ އެކު ކުރިއަށް ދިޔުމަށް ރާއްޖެ އޮތީ ތައްޔާރަށް. ޒަމާނުއްސުރެ އިނގިރޭސިވިލާތާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ. ދެމެހެއްޓެނިވި ކުރިއެރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު އަރުވަން،" ރައީސް ވިދާޅުވި އެވެ.
"މިއީ މުސްތަގުބަލަށް އިގްތިސޯދު ބައްޓަން ކުރަން ކުރާ މަސައްކަތެއް. އަޅުގަނޑުމެން ގަބޫލު ކުރަނީ އިނގިރޭސިވިލާތުގެ ވިޔަފާރިތަކުން ގެންގުޅޭ އުސޫލުތަކާއި ތަޖުރިބާ އަކީ ރާއްޖޭގެ އިގްތިސޯދު ކުރިއަރުވަން މުހިއްމު ދައުރެއް އަދާކުރާނެ އެއްޗެއްކަމަށް. ރާއްޖޭގައި ހުރި ފުރުސަތުތައް ބަލާ، އިންވެސްޓު ކުރުމަށް ދައުވަތު ދެން."
އެގޮތުން ކްރިއޭޓިވް އިންޑަސްޓްރީސް، އުމްރާނީ ތަރައްގީ، ހިޔުމަން ކެޕިޓަލްގެ ދާއިރާ އިން އިންވެސްޓަރުންނަށް ފުރުސަތުތައް އެބަހުރިކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ދާއިރާތަރައް ތަރައްގީ ކުރުމަށް ގެންގުޅުއްވާ ތަސައްވަރުތައް ހާމަކުރައްވައިފަ އެވެ.
2030ވަނަ އަހަރު އަންނައިރު އުފެއްދުންތެރިކަން ޖީޑީޕީގައި ހިއްސާކުރާ ވަރު %15އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒު
ޓެކްނޮލަޖީ އަށް އަހުލުވެރި ޒުވާނުން ޖީލެއް އޮތްއިރު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ރާވާފައި
ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި އިނގިރޭސިވިލާތުގެ ދައުރު ފާހަގަކުރައްވައިފަ އެވެ. ރާއްޖޭގެ މަތީފަންތީގެ ޓޫރިޒަމް ތަރައްގީ ވުމުގައި އިނގިރޭސި އިންވެސްޓަރުންގެ ދައުރު އޮތްކަން ފާހަގަ ކުރައްވާ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަކީ އިނގިރޭސިވިލާތްކަމަށް ރައީސް ވިދާޅުވި އެވެ
"180،000 އަށް ވުރެ ގިނަ ފަތުރުވެރިން މިދިޔަ އަހަރު އެކަނި ވެސް އިނގިރޭސިވިލާތުން ރާއްޖެ ޒިޔާރަތް ކުރި،" ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 114،703 ފަތުރުވެރިން އިނގިރޭސިވިލާތުން ރާއްޖެ އަައިސްފައިވެ އެވެ.
ރާއްޖޭގައި ބާނާ އަދި ޕްރޮސެސް ކުރާ މަސް އެކްސްޕޯޓު ކުރާ އެންމެ މުހިއްމު އެއް މާކެޓަކީ އިނގިރޭސި މާކެޓުކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އެގޮތުން އަހަރަކު 20 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މަސް ރާއްޖެ އިން އިނގިރޭސިވިލާތަށް ބޭރުކުރޭ
އެ ގައުމުގެ ގޭބީސީތަކާއި ފިހާރަތަކުގައި މިއީ މަގުބޫލު އުފެއްދުންތަކެއް
އިއްޔެގެ ބިޒްނަސް ފޯރަމްގައި، ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް "ފްރޮމް މޯލްޑިވްސް" ބްރޭންޑު ރައީސް ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ.
ރާއްޖެއަކީ ހަމައެކަނި ޓޫރިޒަމް މަންޒިލެއް ނޫން؛ އިންވެސްޓަރުންނަށް ގިނަ ފުރުސަތު އެބަހުރި: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ