އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމް، 65، ގެ މަރުގެ ތަހުގީގަށް އޭނާގެ އަންހެނުން، ނާޒިމާ އިބްރާހިމްގެ ފޯނު ހިފެހެއްޓުމަށްފަހު ދޫކޮށްލައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމާގެ ފޯނު ދޫކޮށްލީ ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ފޯނު ފުލުުހުން ދޫކޮށްލާފައިވާކަން ނާޒިމާ އާއި އަބްދުއްރަހްމާންގެ ދަރިފުޅު، އަހުމަދު ނިމާލް އަދަދު އަށް ކަށަވަރު ކޮށްދިނެވެ.
"ބައްޕަ މަރުވި ރޭގެ ޑޭޓާ ނަގަންށޭ ކިޔާފައި ހިފެހެއްޓީ، އެއްވެސް އެއްޗެއް ނުބުނޭ، ހަމަ ފޯނު ހަވާލު ކޮށްލަންށޭ ބުނީ،" ނިމާލް ބުންޏެވެ.
ނާޒިމާގެ ފޯނު ފުލުހުން ހިފެހެއްޓީ ކީއްކުރަން ކަމެއް ފުލުހުން ނުބުނެ އެވެ. އެ ހަބަރު މި ނޫހުގައި ޝާއިއު ކުރިފަހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އަބްދުއްރަހްމާންގެ އާއިލާ އާ ގާތްގުޅުން އޮތް މީހުންނާ ވާހަކަދައްކައި ސުވާލުކޮށް، އެ މީހުންގެ އެއްބާރުލުމާއެކު ހަގީގަތް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް މިގެންދަނީ ކުރަމުން. އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަބްދުއްރަހްމާންގެ މަރުގެ މައްސަލަ ތަހުގީގު ކުރެވޭ ވަކިވަކި މަސައްކަތްތަކާ ގުޅިގެން މައުލޫމާތު ދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ.
އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
ތަހުގީގުގެ ބޭނުމަށް އަބްދުއްރަހްމާން ދިރިއުޅުނު ގެ، މާހިޔާ، ކައިރި ބޮޑު ސަރަހައްދެއް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. އޭގެއިތުރުން އެ ރަށު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް އާއި ފައިގެ ނިޝާނުގެ އިތުރުން އިނގިލީގެ ނިޝާން ވެސް ފުލުހުން ވަނީ ނަގައިފަ އެވެ.
އެ މައްސަލައާ ގުޅިގެން މިހައިތަނަށް އަދި އެއްވެސް މީހަކު ފުލުހުން ހައްޔަރެއް ނުކުރެ އެވެ.
މާޅޮހުގައި ހަރަކާތްތެރިވާ ފުލުހުން ދަނީ ތަހުގީގުގެ ބޭނުމަށް، އެ ރަށަށް އަރައިފައިބާ މީހުން އަދިވެސް މޮނީޓާ ކުރަމުންނެވެ.
އަބްދުއްރަހްމާން އަންހެނުންގެ ފޯނު ފުލުހުން ދޫކޮށްލައިފި އަބްދުއްރަހްމާން އަންހެނުންގެ ފޯނު ފުލުހުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ