ވަޒީފާގެ ޕްރެޝަރު މި ފަަހަރު އާޓެޓާ އަށް ބޮޑު ވަޒީފާގެ ޕްރެޝަރު މި ފަަހަރު އާޓެޓާ އަށް ބޮޑު

ލަންޑަން (އޮގަސްޓް 17) - މި ސީޒަނުގައި ވަޒީފާގެ ޕްރެޝަރު އެންމެ ބޮޑު ކޯޗުންގެ ތެރޭގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ހިމެނޭ ކަމަށް އަމާޒުވެ ކުރި ސުވާލުތަކަށް އޭނާ ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފި އެވެ.
މީގެ ފަސް އަހަރު ކުރިން، އާޓެޓާގެ ފުރަތަމަ ސީޒަނުގައި، އާސެނަލުން 2019/2020 ވަނަ ސީޒަނުގައި އެފްއޭ ކަޕް ކާމިޔާބުކުރި ފަހުން، އެ ޓީމަށް އަދި ތަށްޓެއްގައި އަތްލުމުގެ ނަސީބު ލިިބިފައިނުވެ އެެވެ. މިދިޔަ ތިން ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދި އާސެނަލަށް ކާމިޔާބު ސީޒަނެއްގެ އިންތިޒާރު ވަނީ ދިގުލައިފަ އެވެ.
ކުޅުންތެރިން ވިއްކައިގެން އާމްދަަނީ އެއް ނުލިބި، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވެސް އާސެނަލުން ވަނީ އާ ކުޅުންތެރިން ގަންނަން ނިސްބަތުން ބަލާއިރު ބޮޑު ހޭދައެއް ކޮށްފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނާ ކުރިމަތިލާއިރު، އާޓެޓާ އަށް ތަށި ހޯދަން ބޮޑު ޕްރެޝަރެއް އެބައޮތެވެ. އެކަމާ ގުޅޭގޮތުން، ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ގިނަ ސުވާލުތަކެއް އޭނާ އަށް ކުރިމަތިވެ އެވެ.
"ޕްރެޝަރު، ތިއީ ވަރަށް ރަނގަޅު ލަފްޒެއް. ތި ބަހުގެ މާނަ ރަނގަޅަށް ބޭނުންކުރާނަމަ، އަހަރެންގެ ވިސްނުމަށް އަންނަނީ ގިނަ ބަޔަކު އެބަ ގަބޫލުކުރެއޭ އަހަރެމެން މި ކަން ހާސިލްކުރަން ޖެހޭނެ ކަމަށް. އަހަރެމެން ވެސް މި އެދެނީ މި ކާމިޔާބީތަކަށް،" ވަޒީފާގައި ދެމި ހުރުމަށް ކާމިޔާބު ހޯދުން މަޖުބޫރު ސީޒަނަކާ ކުރިމަތިލުމުގެ ޕްރެޝަރު އެބައޮތްތޯ ސުވާލުކުރުމުން އާޓެޓާ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި އާސެނަލުން މިރޭ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ކުޅޭނެ އެެވެ. މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑާ ހަވާލުވި ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމާ އެކު، އެ ޓީމު މިދިޔަ ސީޒަނުގައި ލީގު ނިންމާލީ 15 ވަނައިގަ އެވެ. އެހެންވެ، މި ފަހަރު ލީގުގައި ނަތީޖާ ރަނގަޅު ކުރުމުގެ ޕްރެޝަރު އަމޮރިމަށް ވެސް އެބައޮތެވެ.
އާޓެޓާ ބުނީ، އަމޮރިމްއާ އެކު މި ފަހަރު ޔުނައިޓެޑް ކުރިއަށް ވުރެން ރަަނގަޅުވާނެ ކަމަށެވެ. އަދި، ޕްރީ ސީޒަނަކަށް ފަހު، އަމޮރިމް އަށް ޔުނައިޓެޑް އެކުލަވާލަން ފަސޭހަވާނެތީވެ، އާސެނަލުން މި ކުރިމަތިލަނީ އުނދަގޫ ޗެެލެންޖަކަށް ކަަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
އާސެނަލާއި ޔުނައިޓެޑް ކުޅޭ މެޗު ފަށަނީ މިރޭ 20:30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ