މާމިގިލީ ކައިރީ ޝިޕްރެކެއް ހަދަން، ގާސިމްގެ ބޯޓެއް ތައްޔާރުކުރަމުން ދަނިކޮށް ރޯވެއްޖެ
އދ. މާމިގިލީ ކައިރިއަށް ފައްތައި، 'ޝިޕްރެކަކަށް' ހަދަން ތައްޔާރުކުރަމުން ދިޔަ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޯޓެއްގައި މިއަދު ރޯވެއްޖެއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ، ވިޔަފާރިވެރިޔާ ގާސިމްގެ ވިލާ ޝިޕިން ކުންފުންޏަށް ނިސްބަތްވާ 'ވިލު ބުރު' ކިޔާ ކާގޯ ބޯޓެއްގައެވެ. ރޯވިއިރު ބޯޓު އޮތީ މާމިގިއްޔަށް އެހެލާފައެވެ. މާމިގިލީ ކައުންސިލްގެ ރައީސް އިމާދު ފާރޫގް 'ސަން'އަށް ވިދާޅުވީ، އެ ބޯޓުގައި ރޯވީ މިއަދުގެ މެންދުރު ފަހު ކަމަށެވެ. ނަމަވެސް، އެހާ ބޮޑަށް އަލިފާން ރޯނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފާރޫގް ވިދާޅުވީ ބޯޓުގައި ރޯވީ، ގޭސް ކަޓަރުން އެއްޗެއް ކަފަނިކޮށް ކަމަށާއި އެ ބޯޓު ބޭނުންނުކޮށް، އެހެލާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. ރޯވި ބޯޓު: އެއީ ޝިޕްރެކެއް ހަދަން، ކަނޑަށް ފައްތަން ތައްޔާރުކުރަމުން ދިޔަ ބޯޓެއް -- ފޮޓޯ/ އެމްއެންޑީއެފް "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ބޯޓަކީ، ކައުންސިލުން އެދިގެން އެ ރަށް ކައިރިއަށް ފައްތައިގެން ޝިޕްރެކް ހަދަން ތައްޔާރުކުރަމުން ދިޔަ ބޯޓެކެވެ. އެ ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ، މިހާރު އެބޯޓުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށެވެ. އަދި، އަލިފާން ރޯވީ، ބޯޓުގެ ވީލް ހައުސްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާއާ ގުޅުންހުރި ވީޑީއޯއެއް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ވަރަށް ބޮޑަށް ދަބަރު ޖަހާފައިވާ ބޯޓެއްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް މީހުން ހަރަކާތްތެރިވާ މަންޒަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ