ޓެކުހަށް މަކަރު ހެދުމުން ހޯޕް ޓްރެވަލްސް އާއި ބައެއް ވެރިންގެ މައްޗަށް ދައުވާ ކުރަނީ ޓެކުހަށް މަކަރު ހެދުމުން ހޯޕް ޓްރެވަލްސް އާއި ބައެއް ވެރިންގެ މައްޗަށް ދައުވާ ކުރަނީ

ށ. އަތޮޅާއި ނ. އަތޮޅުގެ ރަށްތަކަށް ފުޅާ ދާއިރާއެއްގައި ލޯންޗު ފެރީގެ ހިދުމަތް ދެމުންދާ ހޯޕް ޓްރެވަލްސް އާއި އެ ކުންފުނީގެ ބައެއް ވެރިންގެ މައްޗަށް ޓެކުހަށް މަކަރު ހެދުމުގެ ދައުވާ އުފުލަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މީރާއިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ޖުލައި 1، 2020އިން މެއި 31، 2023 ގެ ނިޔަލަށް ހިމެނޭ ޓެކްސް ނެގުމުގެ މުއްދަތާއި 2020 އަދި 2021 ވަނަ އަހަރު ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ބެލި މައްސަލައެއް ކަމަށެވެ.
ހޯޕް ޓްރެވަލްސް ހިންގަމުން އައީ ހޯޕް ހޯލްޑިންސްގެ ދަށުންނެވެ. އޭގެ ތެރެއިން މީރާގައި ރަޖިސްޓްރީ ކޮށްފައި އޮތީ ހޯޕް ހޯލްޑިންސް އެވެ. ހޯޕް ޓްރެވަލްސް ހިންގި ގިނަ ދުވަސްތަކެއް ވަންދެން ރެޖިސްޓްރީ ނުކޮށް ކަމަށް މީރާއިން ބުނެ އެވެ.
"ޓެކްސް ދައްކާ ފަރާތަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ މީރާއަށް ރިޕޯޓްކޮށްފައި ނުވާކަން ވަނީ ފާހަގަކުރެވިފައި. ޓެކްސް އަހަރު 2020 އަދި 2021 އަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 29 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހިމަނާފައިނުވާކަން މީރާގެ ތަހުގީގަށް ހޯދިފައިވޭ،" މީރާގެ ބަޔާނުގައި ބުނެފައި ވެ އެވެ.
މިކަމާ ގުޅިގެން ދައުވާ ކުރަނީ ހޯޕް ހޯލްޑިންސްގެ އިތުރުން އެ ވިޔަފާރީގެ ޕާޓްނަރެއް ކަމަށްވާ ޝަހުދު އިބްރާހިމްމަނިކު އަދި ވިޔަފާރީގެ އިސްކޮށް ހަރަކާތްތެރިވެފައިވާ މުހައްމަދު އަލީގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރާ ދައުވާއެއް ނިންމާނީ ޕީޖީ އޮފީހުންނެވެ.
މިފަދަ ދައުވާއެއް ކުރަން މީރާއިން ފޮނުވާފައި މިވަނީ ޓެކްސް ނުދައްކާ މީހުން ޖަލަށްލާން ގާނޫނު ބަދަލުކޮށްފައި ވަނިކޮށެވެ. އެގޮތުން، އެފަދަ ކުށެއް ކޮށްފިނަމަ 250،000ރ. އިން ޖޫރިމަނާކޮށް އެއް މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ގާނޫނު ވަނީ ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ