ފަގީރުންގެ ބޭސް ފަރުވާއަށް އެންމެ ބޮޑު ޚަރަދެއް ކެންސަރަކަށް, މި އަހަރު ދެ މިލިއަން ރުފިޔާ
ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން މިދިޔަ މަހުގެ ނިޔަލަށް, މިއަހަރު ފަގީރުންގެ ބޭސް ފަރުވާއަށް އެންމެ ބޮޑު ހޭދައެއް ކުރީ ކެންސަރަށް ކަމަށް, އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޒަކާތު ހައުސްއިން މިއަދު އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ ނިޔަލަށް މިއަހަރު ވަނީ ފަގީރުންނާއި މިސްކީނުންނަށް, މުދަލު ޒަކާތުގެ ފައިސާގެ ތެރެއިން 14 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް ކުރި ޚަރަދުތަކަށް ބަލާއިރު ޖުމުލަ 594 މީހެއްގެ ބޭސްފަރުވާއަށް ވަނީ 9.6 މިލިއަން ރުފިޔާ ހަމަޖައްސައިފައެވެ. އެގޮތުން މިއަހަރު ކެންސަރު ބައްޔަށް އެކަނި 2.4 މިލިއަން ރުފިޔާގެ އެހީ ދީފައިވެއެވެ. ޓްރާންސްޕްލާންޓްގެ ފަރުވާއަށް 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ދެން އެންމެ ބޮޑު އެއްޗެއް ހޭދަ ކޮށްފައިވަނީ ސިކުނޑީގެ ބަލިތަކަށެވެ. އެއީ ނުވަ ލައްކަ ރުފިޔާއެެވެ. މީގެ އިތުރުން ވެސް އެކިއެކި ބަލިތަކަށް ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ. ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާނުގެ އިލްމު ފެތުރުމަށް ޒަކާތު ފައިސާއިން ވަނީ 3.3 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. އަދި ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ވަނީ 1.7 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގައި ވަނިކޮށް ހާލުގައި ޖެހިގެން އެހީވުމަށް 428107 ރުފިޔާ ހަރަދު ކޮށްފައިވާއިރު ޒަކާތު ހައުސްގެ މުވައްޒަފުންގެ އުޖޫރައަށް ވަނީ 1.9 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ޒަކާތު ހައުސްގެ ނަމުގައި ވަކި އޮފީހެއް އުފެއްދީ މިދިޔަ އަހަރުއެވެ. މި ބަދަލާއެކު ޒަކާތު ފައިސާ ލިބޭ މިންވަރު ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ