މަނަދުވަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ޙައްލު ކުރެއްވުމުގެ ބިޔަ މަޝްރޫޢު އަންނަ އޯގަސްޓު މަހު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މަނަދުވަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ޙައްލު ކުރެއްވުމުގެ ބިޔަ މަޝްރޫޢު އަންނަ އޯގަސްޓު މަހު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މަނަދުވަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޙައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މަނަދޫގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެވެން އޮތީ، މުޅި ނިޒާމު އެއްކޮށް ބަދަލުކޮށްގެންކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މި ބިޔަ، ޚަރަދު ބޮޑު މަސައްކަތް ކުރިއަށްގެންދަވާނީ މަގުހެދުމުގެ މަޝްރޫޢާވެސް އެކުއެކީގައި ކަމަށެވެ. އެ ގޮތުން، 2027 ވަނަ އަހަރަށް، ދެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އެ މަނިކުފާނު އަންދާޒާ ކުރެއްވިއެވެ.
މަނަދޫގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމޫހޫރިއްޔާ ވަނީ، އެ ރަށުގެ ސިއްޙީ ނިޒާމު ތަރައްޤީކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރިއަށްދާކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެ ގޮތުން އެ ރަށުގައި ޢިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް މިހާރު ފެށިފައިވާކަމާއި، ރަށަށް ބޭނުންވާ މިންވަރަށް، އެކި ބަލިބަލީގެ ޚާއްޞަ ޕްރޮފެޝަނަލުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ޢުމްރާނީ މަޝްރޫޢުތަކާ ޚިލާފަށް، ސިއްޙީ ދާއިރާއަކީ ފަރުދީ މަސްލަޙަތު ހިމެނޭ ދާއިރާއެއްކަމުން، ވަށާޖެހޭ ގޮތެއްގައި ސިއްހީ ޚިދުމަތްތައް ޤާއިމުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދެއްވާ ކަމެއް ކަން މި ބައްދަލުކުރެއްވުމުގައިވެސް އެ މަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ.
މީގެ އިތުރުން، މަނަދޫގައި ބިނާކުރަން ނިންމާފައިވާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ލަސްވާން މެދުވެރިވި މައްސަލަ ޙައްލުކުރެވި، އެކަން ކުރިއަށްދާނޭ ކަމުގެ ފެހި ސިގުނަލްވެސް އެ މަނިކުފާނު މިރޭ ދެއްވާފައިވެއެވެ. އަދި ވަކި މަޝްރޫޢެއްގެ ގޮތުގައި، އެ ރަށުގައި ވޮލީ ކޯޓެއް އިމާރާތްކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ރަށަކީ ތަޢުލީމީ ރަށެއްކަން ފާހަގަކުރައްވައި، ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް މަނަދޫގައި ޤާއިމުކުރެއްވުމުގެ އިދާރީ މަސައްކަތްތައް ފައްޓާފައިވާކަންވެސް އެ މަނިކުފާނު މިރޭ ވަނީ ހާމަކުރައްވާފައެވެ.
ދަތުރުފަތުރާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ، މަނަދުވާއި އުނގޫފާރާ ދެމެދު، ދެމެހެއްޓެނިވި ގޮތެއްގައި ސީދާ ދަތުރުކުރެވޭނޭ ގޮތަށް، މި އަހަރުގެ ނޮވެންބަރު މަހު އާރް.ޓީ.އެލް ފެރީގެ ޚިދުމަތްތައް ފައްޓަވާނޭކަމަށް ވިދާޅުވެފައެވެ.
ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ މެދު ވާހަކަދައްކަވަމުން، އެ މަނިކުފާނު ވަނީ، އެއް އަހަރު ދުވަހުގެ ތެރޭގައި ހައުސިންގ ރިކުއަޔަމަންޓާ އެއްވަރަށް މަސައްކަތް ނުކުރެއްވޭނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، އެކި އަހަރުތަކަށް ބަހާލައިގެން، ހައުސިންގ ޔުނިޓުތައް ބިނާކުރުމުގެ މަޝްރޫޢުތަކާއި، ފަސް ޕަސަންޓު ލޯން ސްކީމްގެ ބުރުތަކުގެ އެހީގައި އެ މައްސަލައަށްވެސް ހައްލު ލިބޭނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.
މިރޭގެ ބައްދަލުވުމުގައި ވަނީ، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، މަނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް އިފްތިތާޙުކުރައްވާފައެވެ. ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ