މާލެއިން ކަރަންޓު ކެނޑުމުން "ކާރިސާއަކަށް"، އައްޑޫ ވީމާ ދެވަނަ ދަރަޖައަށް ހެދުން ބަލައިނުގަނެވޭ: ނިޒާރު

އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ނުވެ ދެ އަހަރުވާން ކައިރިވެފައި ވާއިރު އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮނިޔަތެއް އޮތްކަމަށް ގަބޫލު ކުރާނެ ތަނެއް ނުފެންނަކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިރޭ ވިދާޅުވެއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހު މުޅި އައްޑޫން ކަރަންޓު ކެނޑުމަށްފަހު މައްސަލަ ހައްލުނުވެ، އިއްޔެއާއި މިއަދު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ވަނީ ކެނޑިފައެވެ. ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓު ނެތި އަނެއްކާ ވެސް ދަނީ 'މުސީބާތުގެ ހާލަތު' ތަހައްމަލު ކުރަމުން ކަމަށެވެ. ގަޑިއިރަކުން ގަޑިއިރަކުން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންދާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ލިބި، އާންމު ޚިދުމަތްތަކަށް ހުރަސް އެޅެމުންދާ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ވެސް ރަސްމީ ގަޑީގައި ދެފަހަރަށް މިއަދު ކަރަންޓު ކަނޑާލާފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު މުޅި މާލެއިން ކަރަންޓު ދިޔަ ހާދިސާއަށް ރިއާޔަތްކުރައްވައި ނިޒާރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެއިން ފަސް ގަޑިއިރަށް ކަރަންޓު ކެނޑުމަކީ "ކާރިސާގެ ހާލަތުކަމަށް ނިންމަވައި އެކަން އަވަހަށް ހައްލު ހޯއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވި" ކަމަށެވެ. ނަމަވެސް އައްޑޫ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެއްލެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ މޭޔަރު ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އެއީ އިންސާފުވެރި ގޮތެއް ވެސް ނޫން. އައްޑޫ ސިޓީގެ ކަރަންޓްގެ ހާލަތު ރަނގަޅު ނުވެވި ދެ އަހަރުވާން ކައިރިވެފައިވާއިރު މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ގަބޫލު ނުކުރެވޭ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރާއްޖޭގެ އާބާދީ ދެވަނައަށް އެންމެ ބޮޑު އައްޑޫން މިފަހުން ކަރަންޓު ކެނޑުނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ 11:15 ހާއިރެވެ. އެކަމަކު ގަޑިއިރެއް ހާއިރު ފަހުން އަލުން ކަރަންޓު ދީފައިވެއެވެ. ނަމަވެސް އިއްޔެއާއި މިއަދު ވެސް އައްޑޫގެ އެކި ހިސާބުތަކުން ގަޑިއިރަކުން ގަޑިއިރަކުން ކަރަންޓު ދިޔައީ ކަނޑަމުންނެވެ. ފެނަކައިން ބުނާ ގޮތުގައި އެއީ އިންޖީނުތަކަށް ދިމާވެގެން އުޅޭ މައްސަލައެކެވެ. އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. މިދިޔަ ރޯދަ މަހު ވެސް އައްޑޫގައި މެދުނުކެނޑި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. https://sun.mv/208859 އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާޗް މަހުގެ 13ވަނަ ދުވަހު އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށްފަހު ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާޗް މަހުގެ 31ވަނަ ދުވަހެވެ. ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެއް ކަމަށެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެތަނުގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ވެސް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށްފަހު އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ