ބައްސާމް ބަލިވެއްޖެ، މިއަދުގެ އަޑުއެހުން ކެންސަލް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ބަލިވެގެން ކޯޓަށް ހާޒިރު ނުވެވުމުން މިއަދަށް ތާވަލުކޮށްފައި އޮތް ބައްސާމްގެ މައްސަލަތައް ކެންސަލްކޮށްފިއެވެ. އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވީ މައްސަލައިގައި ބައްސާމާ ދެކޮޅަށް މިހާރު ޝަރީއަތް ފަށާފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެކެވެ. މި ދެ މައްސަލައިގެ އަޑު އެހުމެއް މިއަދަށް ތާވަލުކޮށްފައި އޮތް ނަމަވެސް، ބައްސާމް ބަލިވެގެން ކޯޓަށް ހާޒިރު ނުވެވޭތީ މިއަދުގެ އަޑު އެހުންވަނީ ކެންސަލްކޮށްފައެވެ. އެހެންނަމަވެސް، މި މައްސަލައިގެ އިތުރު އަޑުއެހުމެއް މި ހަފުތާގައި ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. ބައްސާމްގެ މައްސަލައިގައި މިހާތަނަށް ގިނަ އަޑުއެހުންތަކެއް ބާއްވައި ހެކި ބަސް ނެގުމުގެ ބޮޑު ބައެއްވަނީ ނިމިފައެވެ. ބައްސާމްގެ މައްސަލައިގައި އޭނާއާ އެކު ކުރިން މަސައްކަތްކުރި ބައެއް މީހުންގެ ހެކިބަސް ވެސް މިހާރު ވަނީ ނަގާފައެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަލީ އުމަރު، އަދި ކުރީގެ ޖެނެރަލް ސެކެރެޓަރީ ހުސެއިން ޖަވާޒު ހިމެނެއެވެ. https://sun.mv/200563 އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމާ ދެކޮޅަށް އުފުލިފައިވާ ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގައި ހެކިބަސް ދިން ފުލުހަކު ވަނީ އެފްއޭއެމް ބަލައި ފާސްކުރީ އޭރުގެ ޖީއެސް އަދި ގާނޫނީ ވަކީލުގެ ހާޒިރުގައި ކަމަށް ކޯޓުގައި ކުރިން ހެކިބަސްދީފައެވެ. މީގެ އިތުރުން، އެފްއޭއެމްގެ އެކްސްކޯގެ ހުރިހާ މެންބަރުންނަށް ވެސް އެލަވަންސް ހަމަޖައްސާފައިވާނެ ކަމަށް އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް އަލީ އުމަރު ވަނީ ބައްސާމްގެ މައްސަލައިގައި ހެކިބަސް ދެމުން ބުނެފައެވެ. ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައިގެ ޝަރީއަތް މިހާރު ފެށިގެން ކުރިއަށްދާއިރު، ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ