ބައްސާމްގެ އެޕާޓްމަންޓް މައްސަލަ: އަގީލާއި ހަސަން ވަހީދުގެ ޝަރީއަތް މާދަމާ

މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ފައިސާއަށް ޚިޔާނަތްތެރިވެ، އެ ފައިސާއިން ބައްސާމް އެޕާޓްމަންޓެއް ގަތްކަމަށް ތުހުމަތުވާ މައްސަލައިގައި އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑް، މުޙައްމަދު އަގީލްގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ. އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ ޢަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އަގީލްގެ އިތުރުން، އެފްއޭއެމްގެ އެކި މަގާމުތައް އަދާކުރި މ. ހިރިނައިދޫ، ޙަސަން ވަހީދުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑު އެހުމެއް ވެސް މާދަމައަށް އޮތީ ތާވަލުކޮށްފައެވެ. އެ މައްސަލައިގައި ދެން ދައުލަތުން ދައުވާކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާ ދެކޮޅަށެވެ. މި މައްސަލަތައް ކުރިއަށް ގެންދަނީ އެކުއެކީއެވެ. އަގީލްގެ މައްޗަށް ދައުވާކޮށްފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާއެވެ. https://sun.mv/196891 އެއީ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު، އަމީން އެވެނިއު އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ އެކައުންޓުން އަމީން ކޮންސްޓްރަކްޝަނަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމަށް ފަހު، އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވަނީސް، އެފްއޭއެމްއަށް ބޭންކް ރޭޓުން އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް، އެ ލިޔުން ތައްޔާރުކޮށް، އެފްއޭއެމްގެ ފައިސާއިން އަމީން އެވެނިއުގެ އެޕާޓްމަންޓް ގަނެ، މަނީ ލޯންޑާކުރުމަށް ބައްސާމަށް އެހީތެރިވެފައިވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކުރިން ބުނެފައިވެއެވެ. ހަސަން ވަހީދުގެ މައްޗަށް ދަޢުވާކުރަނީ ވެސް މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންނެވެ. އެއީވެސް ހަމަ އެ އެޕާޓްމެންޓާ ގުޅޭ މައްސަލައިގައެއެވެ. ހަސަން ވަހީދު ވަނީ 2014 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ އެކި މަގާމުތައް އަދާކޮށްފައެވެ. އެގޮތުން، އޭނާ ބައްސާމަށް އެޕާޓްމަންޓް ގަންނަން އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދައްކަން އެފްއޭއެމްގެ އެކައުންޓުގެ ޗެކެއް މެދުވެރިކޮށް ޗެކްމާކް ކުންފުންޏަށް އެއް ލައްކަ ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް ދެއްކުމުގެ ގޮތުން ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓަޕްރައިޒަސްއިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާ ކަމަށް ޕީޖީ އޮފީހުން ކުރިން ބުންޏެވެ. އަދި، އެފްއޭއެމްގެ އެކައުންޓުގެ ޗެކު މެދުވެރިކޮށް ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސްއަށް އެއް ލައްކަ ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް، އެ ފައިސާއަށްވާ ރުފިޔާ އެފްއޭއެމަށް ދެއްކުމުގެ ގޮތުން ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސްއިން ދޫކުރި ޗެކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް އެހީތެރިވެދީ، އަދި އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާކުރަން ބައްސާމަށް އެހީތެރިވެދީފައިވާ ކަމަށް ޕީޖީ އޮފީހުން ކުރިން ބުންޏެވެ. https://sun.mv/207139 މި މައްސަލަތަކާ ގުޅިގެން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކުރަނީ ވެސް މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންނެވެ. މި މައްސަލަތަކާއި، އަދި އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލަތަކުގައި ބައްސާމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. ބައްސާމްގެ މައްޗަށް އުފުލާފައިވާ ބައެއް ދައުވާތަކުގެ ޝަރީއަތް ފެށި މިހާރު ހެކިބަސް ވެސް ވަނީ ނަގާފައެވެ. ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ވެއްޖެ ނަމަ ދިގު މުއްދަތަކަށް އޭނާ ޖަލަށްލާނެއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ބައްސާމް މި ދެ އެޕާޓްމަންޓް ގަތީ ކޮވިޑު-19ގެ ދުވަސްވަރު ދިވެހި ފުޓުބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަންނަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ދިން ލޯން އެހީގެ ފައިސާއިންނެވެ. އެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަންސްއަށް ބައްސާމް ދެއްކި ކަމަށް ފުލުހުން ބުނެއެވެ. އެ އެޕާޓްމަންޓްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ނަގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ