ފިނޭގެ ރައްޔިތުން ބޭނުންވާ ގޮތަށް، ރަށު ސްކޫލް އެހެން ތަނަކަށް ބަދަލުކުރަނީ

ހދ. ފިނޭގެ ރައްޔިތުން ބޭނުންވާ ގޮތަށް, އެ ރަށު ސުކޫލު މިހާރު ހުރިތަނުން އެހެން ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ފިނޭއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ފިނޭގެ ރައްޔިތުން ބޭނުންވަނީ އެރަށު ސުކޫލު އެހެން ތަނަކަށް ބަދަލުކުރުމަށް ކަމަށެވެ. ނަމަވެސް، އެކަމަކީ ސަރުކާރުން މިހާތަނަށް ކުރުމަށް ރާވައިފައި އޮތް ކަމެއް ނޫން ކަމަށާއި އެއީ ރާވަން ޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒު ފިނޭގައި ---- ފޮޓޯ/ ރައީސް އޮފީސް އެހެންވީމާ މިއަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ފަށައިގަންނާނަން ބަޖެޓު ތަރުތީބުކޮށްގެން. ކުލާސްރޫމްތައް އިތުރުކުރުމާއި ސުކޫލު ރީލޮކޭޓު ކުރުމަށް ތިބޭފުޅުން ބޭނުންވާތީރައީސް ޑރ. މުޙައްމަދު މުއިއްޒު އިތުރަށް ރައީސް ވިދާޅުވީ، ފިނޭ ސުކޫލު ބަދަލުކުރާނީ ރަށު ރައްޔިތުން ބޭނުންވާ ތަނަކަށް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، ފިނޭ ރައްޔިތުން ބޭނުންވަނީ އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭނުންކުރެއްވި ހޯލު ހުރި ތަނަށް ސުކޫލު ބަދަލު ކުރާށެވެ. އެ މަޝްރޫއު ފަށާނީ މަސައްކަތް ރާވައި، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ތަރުތީބު ކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފިނޭ ސުކޫލު އެހެން ތަނަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ފިނޭގައި ސަތޭކައެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ދައްކައެވެ. އެ ސުކޫލުގައި ކިޔަވައިދެނީ އެލްކޭޖީން ފެށިގެން ގްރޭޑު 10އާ ހަމައަށެވެ. ފިނޭގައި ދިރިއުޅެނީ 409 މީހުން ކަމަށް 2022 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާއިރު، ރައީސް ވަނީ އެ ރަށުގެ ތަރައްގީއަށް އިތުރު މަޝްރޫއުތައް ވެސް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފައެވެ. އޭގެތެރޭގައި، އެރަށުގައި ތަރައްގީކުރަމުން އަންނަ ބަނދަރު މަޝްރޫއާއި ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ މަޝްރޫއު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ