މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިދިޔަ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހަށް ކުރިއަށް ދިޔަ "ފައިނޭންޝަލް އެކްސްޕޯ" ގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސްޓޯލަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ބޭންކުން ބުނެފި އެވެ.
މި އެކްސްޕޯގައި އެމްއައިބީން ވަނީ ތަފާތު ހަރަކާތްތަކާއި، މައުލޫމާތު ސެޝަންތަކުގެ އިތުރުން ހާއްސަ ޕްރޮމޯޝަންތަކާ އެކު އެ ބޭންކުގެ ސްޓޯލަށް ޒިޔާރަތް ކުރި މީހުންނަށް ބޭންކުގެ ޕްރޮޑަކްޓުތަކާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. އެ އެކްސްޕޯއަކީ މާލީ ދާއިރާގެ މުހިންމު ހިއްސާދާރުން އެއްތަނަކަށް އެއްވެ، މާލީ ހޭލުންތެރިކަމާއި، އިނޮވޭޝަން އަދި ފައިނޭންޝަލް އިންކްލޫޝަން ކުރިއެރުވުމަށް ބޭއްވި ހަރަކާތެކެވެ.
އެ އެކްސްޕޯގައި ކުރިއަށް ދިޔަ ފުރަތަމަ ޕެނަލް މަޝްވަރާގައި އެ ބޭންކުގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ރިޒާ ބައިވެރިވެވަޑައިގެން، ބަދަލުވަމުންދާ މާލީ ދާއިރާ އާއި ބޭންކިންގެ މުސްތަގުބަލު ބައްޓަންކުރުމުގައި އިނޮވޭޝަނާއި އޮޓޮމޭޓެޑް ޕޭމަންޓް ސިސްޓަމްތަކުގެ ދައުރާ ބެހޭ ގޮތުން މުހިންމު މައުލޫމާތުތައް ހިއްސާކުރެއްވި އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ އެ އެކްސްޕޯގައި އެމްއައިބީން ވަނީ އެ ބޭންކުގެ ޝަރީއާ ހުއްދަކުރާ ބޭންކިން އުފެއްދުންތަކާއި ޑިޖިޓަލް ހައްލުތައް ދައްކާލައި، ޒިޔާރަތްކުރި ފަރާތްތަކަށް ބޭންކުގެ އާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ އެމްއައިބީގެ މުވައްޒަފުންނާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ދީފަ އެވެ.
އެ އެކްސްޕޯގައި އެމްއައިބީގެ ސްޓޯލުން އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނު އެއް ހަރަކާތަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ކުއިޒެވެ. އެ ކުއިޒްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާއި އެމްއައިބީގެ އުފެއްދުންތަކާ ބެހޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދީގެން، ހާއްސަ "ފައިސާވެއާ ރިންގް" ހޯދުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
އެ އެކްސްޕޯގެ ފަހު ދުވަހު އެމްއައިބީން ވަނީ "ވިޒިޓް އެންޑް ވިން" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮމޯޝަނުގައި އެކްސްޕޯ އަށް ޒިޔާރަތް ކުރި ފަރާތްތަކުން އެންޓްރަންސްގައި ހުރި ކިއުއާރު ކޯޑު ސްކޭންކޮށް، ރަޖިސްޓްރީ ކުރުމުން 50,000ރ. ގެ ފައިސާގެ އިނާމު ލިބޭ ލަކީޑްރޯއެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެކްސްޕޯގެ ތެރޭގައި އެމްއައިބީން ވަނީ ބޭންކުން މިހާރު ކުރިއަށްގެންދާ ކެމްޕޭންތަކާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ޕްރޮމޯޓްކޮށް، ރައްކާތެރި އަދި ފަސޭހަގޮތެއްގައި މާލީ ކަންކަން ބެލެހެއްޓޭނެ ގޮތްތައް އާންމުންނަށް ވަނީ ކިޔައިދީފަ އެވެ. އަދި ބޭންކުގެ މުވައްޒަފުން ވަނީ އެކްސްޕޯއަށް ދިޔަ ފަރާތްތަކަށް އެކައުންޓް ހުޅުވުމާއި، އުފެއްދުންތަކުގެ މައުލޫމާތު ދިނުމާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ލައިވް ޑެމޮންސްޓްރޭޝަންތައް ދައްކާލުމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެ އެކްސްޕޯގައި ޒުވާނުން ބާރުވެރިކުރުވުމާއި މާލީ ހޭލުންތެރިކަން ކުރިއެރުވުމަށް އެމްއައިބީން ކުރާ މަސައްކަތުގެ ދަށުން، ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މުފައްދަލް އިދްރީސް ކުމްރީއާއެކު ހާއްސަ ފަޔާ ސައިޑް ޗެޓެއް ވެސް ކުރިއަށް ގރންދިޔަ އެވެ. މި ސެޝަންގައި އޭނާ ވަނީ ލީޑާޝިޕާއި، ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ހޯދުމާއި، ޅަ އުމުރުން ފެށިގެން މާލީ ރަނގަޅު އާދަތައް އަށަގެންނެވުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވައި، ދަރިވަރުންނަށް ހިތްވަރު ދެއްވވާފަ އެވެ.
އެމްއައިބީއިން ބުނީ އެ ބޭންކުން މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޑިޖިޓަލް ބޭންކިން އިނޮވޭޝަންތައް ކުރިއެރުވުމާއި، ދިވެހި މުޖުތަމައުތަކާއެކު މާނަވީ ގުޅުމެއް ބޭއްވުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.
ފައިނޭންޝަލް އެކްސްޕޯގައި ލިބުނު ތަރުހީބު ބޮޑު: އެމްއައިބީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ