ލުއީ ވުޓަންގެ ޓްރޭޑްމާކް މައްސަލައިގައި ޗައިނާ ކުންފުންޏެއް ޖޫރިމަނާކޮށްފި

ޗައިނާގެ މަގުބޫލު މިލްކް ޓީ ޗެއިނަކާއި ފްރާންސްގެ ލަގްޒަރީ ބްރޭންޑަކާ ދެމެދު އުފެދުނު ގާނޫނީ މައްސަލައަކާ ގުޅިގެން، ފިކުރީ މުދަލުގެ ރައްކާތެރިކަމާއި ސަގާފީ ނިޝާންތައް ބޭނުންކުރުމާ މެދު އާންމުންގެ މެދުގައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.
މި މައްސަލައިގައި ކަމާބެހޭ މާހިރުން ބުނަނީ ވިޔަފާރި މާކް ނުވަތަ ޓްރޭޑްމާކް ބޭނުންކުރުމުގައި، ކުރިން ރަޖިސްޓްރީކޮށްފައިވާ ނިޝާންތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
ޖުލައި މަހުގެ ދެ ވަނަ ދުވަހު ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖިއަންގްސޫ ޕްރޮވިންސްގެ ސޫޖޯ އިންޓަމީޑިއަޓް ޕީޕަލްސް ކޯޓުން ވަނީ ޝެންޒެންގެ މިލްކް ޓީ ކުންފުންޏެއް ކަމަށްވާ "މޮލީ ޓީ" ގެ ލޯގޯ ލުއީ ވުޓަން (އެލްވީ) އިން ރަޖިސްޓްރީކޮށްފައިވާ ހަތަރު ފިޔަލީ މަލެއްގެ ލޯގޯއާ ވައްތަރުވުމުން މައްސަލަ ބަލައިފަ އެވެ.
މި މައްސަލައިގައި ކޯޓުން ވަނީ ލުއީ ވުޓަންގެ ޓްރޭޑްމާކްތައް ބޭނުންކުރުން ހުއްޓާލުމަށާއި، ބަދަލުގެ ގޮތުގައި ލަގްޒަރީ ބްރޭންޑަށް 10.3 މިލިއަން ޔުއާން ދެއްކުމަށް މޮލީ ޓީ ޗެއިނަށް އަމުރުކޮށްފަ އެވެ. މީގެ އިތުރުން، ޗައިނާގެ އެ ކުންފުނިން އާންމުކޮށް މާފަށް އެދުމަށް ވެސް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ގުއަންގްޑޮންގް ޕްރޮވިންސްގެ ގުއަންގްޖޯގައި ނެރޭ ނޫހެއް ކަމަށްވާ "ނަންފަންގް މެޓްރޯޕޮލިސް ޑެއިލީ" އިން ބުނި ގޮތުގައި، މި ދެބަސްވުން އުފެދުނީ މޮލީ ޓީގެ ބްރޭންޑް ނިޝާނެއްގެ ގޮތުގައި ބޭނުންކުރާ ހަތަރު ފިޔަލީ މަލުގެ ފަރުމާ އާއި، ލުއީ ވުޓަންގެ މަޝްހޫރު މޮނޮގްރާމް ނިޝާންތަކާ ދެމެދު ހުރި އެއްގޮތްކަމެއްގެ ސަބަބުންނެވެ.
ލުއީ ވުޓަންގެ ފަރާތުން މި ދައުވާ އުފުލާފައިވަނީ 2025 ވަނަ އަހަރުގެ މެއި މަހުގަ އެވެ. އަދި ކޯޓުން މި މައްސަލައިގައި ހުކުމް ކުރީ ޖޫން 29 ގަ އެވެ. މޮލީ ޓީ އިން ވަނީ މި މައްސަލަ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރަން ނިންމާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
މޮލީ ޓީ އާއި އެ ކުންފުނީގެ ދަށުން ހިންގާ އެހެން ކުންފުނިތަކުން 2024 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން ވަނީ މަލުގެ ފަރުމާ ހިމެނޭ ގިނަ ޓްރޭޑްމާކްތަކެއް ރަޖިސްޓްރީ ކުރުމަށް ޗައިނާގެ ނޭޝަނަލް އިންޓަލެކްޗުއަލް ޕްރޮޕަޓީ އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާފަ އެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރެސްޓޯރަންޓާއި އެކޮމޮޑޭޝަން ހިދުމަތްތަކާއި، އިޝްތިހާރު ކުރުމާއި، އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ ކާބޯތަކެތީގެ ދާއިރާ އެވެ.
ނަމަވެސް، އެ ކުންފުނިން ހުށަހެޅި ގިނަ އެޕްލިކޭޝަންތައް ވަނީ ބޭރުކޮށްލާފަ އެވެ. ރަޖިސްޓްރީ ކުރެވުނީ ހަމައެކަނި "މޮލީ ޓީ" މި ނަން ޗައިނާ ބަހުން ހިމެނޭ ޓްރޭޑްމާކް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ