އޮސްޓްރޭލިއާގެ އުތުރު ކުއީންސްލޭންޑްގެ ގޮނޑުދޮށަކަށް މި ހަފުތާ ބަންދުގައި ލައްގާފައިވާ ރިހި ކުލައިގެ ބޮޑު ބޯޅަތަކެއްގެ އަސްލު ދެނެގަތުމުގެ މަސައްކަތް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ފަށައިފި އެވެ.
ޓައުންސްވިލްގެ އުތުރުގައި އޮންނަ ފޮރެސްޓް ބީޗުން ފެނުނު ހަ އެއްޗަކީ ސްޕޭސް ޑެބްރީ (ޖައްވުން ވެއްޓުނު ކުނި) ކަމަށް ބެލެވޭއިރު، އޮސްޓްރޭލިއަން ސްޕޭސް އެޖެންސީ (އޭއެސްއޭ) އިން މިހާރު ދަނީ އެ ތަކެތި އައީ ކޮން ތަނަކުންތޯ ބަލަމުންނެވެ.
އެ ތަކެތީގައި ނުރައްކާތެރި މާއްދާތަކެއް ހުރެދާނެ ކަމުގެ ބިރު އޮތުމުން، ރައްކާތެރިކަމުގެ ހެދުން އަޅައިގެން ތިބި ޓީމުތަކުން ފުލުހުންގެ ބެލުމުގެ ދަށުން އެ ބޯޅަތައް ހެޒްމެޓް ފީފާތަކަށް އަޅަމުންދާ މަންޒަރު ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކުއީންސްލޭންޑްގެ ފަޔާ ޑިޕާޓްމަންޓުން އާދީއްތަ ދުވަހު ބުނީ، އެ ސަރަހައްދުގެ 50 މީޓަރުގެ ސަރަހައްދަކަށް ވަނުން އަދިވެސް މަނާކޮށްފައިވާ ކަމަށާއި، އެ ސަރަހައްދުން ޝައްކުކުރެވޭ އެއްޗެއް ފެނިއްޖެ ނަމަ އެއީ ކޮންމެ މީހަކު ކަމުގައި ވިޔަސް އޭގައި އަތްނުލުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި އެފަދަ އެއްޗެއް ފެނިއްޖެ ނަމަ ވަގުތުން އެ ސަރަހައްދާ ދުރަށް ގޮސް، ކުއްލި ހާލަތްތަކުގައި ގުޅާ ނަންބަރަށް ގުޅުމަށް ވެސް އެ އިދާރާއިން ވަނީ އާންމުންނަށް އަންގާފަ އެވެ.
އިންޓަނެޓްގައި ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި އެ ބޯޅަތަކަކީ ޖއްވަށް ދަތުރުކުރާ އުޅަނދުފަހަރުގައި ބޭނުންކުރާ "ޕްރޮޕެލަންޓް ޓޭންކް" ތަކެކެވެ. އެހެންކަމުން، އޭގައި ވަރަށް ފަސޭހައިން އަލިފާން ހިފާ ނުވަތަ ކެމިކަލް ރިއެކްޝަން އުފެދޭ ފަދަ މާއްދާތަކެއް ހުރެދާނެ ކަމަށް ބެލެވެ އެވެ.
ނަމަވެސް، އެ ތަކެއްޗަކީ ކޮން އުޅަނދެއްގެ އެއްޗެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އޮސްޓްރޭލިއާގެ ގޮނޑުދޮށްތަކުން މިފަދަ އާދަޔާ ހިލާފު އެއްޗެހި ފެނުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.
ހުޅަނގު އޮސްޓްރޭލިއާގެ ޕާތު ކައިރީގައި އޮންނަ ގޮނޑުދޮށަކަށް 2023 ވަނަ އަހަރު ލެއްގި ބޮޑު މެޓަލް ޑޯމަކީ އިންޑިއާގެ ރޮކެޓެއްގެ ބައެއްކަން އެ ގައުމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިންޑިއާގެ ސްޕޭސް އެޖެންސީގެ ތަރުޖަމާނު ފަހުން ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި، އެއީ އެ ގައުމުގެ "ޕޯލާ ސެޓެލައިޓް ލޯންޗް ވެހިކަލް" (ޕީއެސްއެލްވީ) އެއްގެ ބައެކެވެ.
މި ހަފުތާ ބަންދުގައި ފެނުނު ބޯޅަތަކާ އެއްގޮތް އެއްޗެއް 2011 ވަނަ އަހަރު އެފްރިކާގެ ދެކުނުގައި އޮންނަ ނަމީބިއާގެ އެކަހެރި ހުސްބިމަކުން ވެސް ވަނީ ފެނިފަ އެވެ.
އޭރު ކަމާބެހޭ މާހިރުން ބުނެފައިވަނީ، އެއީ އިންސާނަކާ ނުލައި ދަތުރުކުރާ ރޮކެޓެއްގައި ބޭނުންކުރާ، ވަރަށް ފަސޭހައިން އާތްވަށް ބަދަލުވާ "ހައިޑްރަޒިން" ނަމަކަށް ކިޔާ ތެޔޮ އަޅާފައި ހުރި ފިއުލް ޓޭންކެއް ކަމަށް ބޮޑަށް ބެލެވޭ ކަމަށެވެ.
އޮސްޓްރޭލިއާގެ ބީޗަކަށް ލެއްގި އާދަޔާ ހިލާފު ބޯޅަތަކެއް ތަހުގީގު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ