މެކްސިކޯ ސިޓީ، މެކްސިކޯ (ޖުލައި 6) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި ފޯރިގަދަ ކުރިމަތިލުމަކަށް ފަހު، މެކްސިކޯ 3-2 އިން ބަލިކޮށްލައި، އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އިންގްލެންޑް މޮޅުވިއިރު، މިއީ، މި ދަނޑުގައި މެކްސިކޯ ކުޅުނު 89 މެޗުގެ ތެރެއިން ބަލިވި ތިން ވަނަ މެޗެވެ. މީގެ ކުރިން ބަލިވީ، 2001 ވަނަ އަހަރު ކޮސްޓަ ރިކާ އަތުންނާއި 2013 ވަނަ އަހަރު ހޮންޑިއުރަސް އަތުންނެވެ.
މެޗު ކުޅެން ތާވަލުކުރި ގަނޑިއަށް ވުރެން އެއް ގަޑިއިރު ފަހުން ފަށަން ޖެހުނު މި މެޗު ފަށައިގެން މެކްސިކޯ އިން ކުރިއަށް ޖެހިގެން ކުޅެމުންދިޔަ އެވެ. މެޗު ފެށުން ލަސްވި މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އިންގްލެންޑްގެ ޑެކްލަން ރައިސް އަށް ވަނީ ފުރަތަމަ މިނިޓް ތެރޭ ރީނދޫ ކާޑެއް ދައްކައިފަ އެެވެ.
މެޗުގެ ފުރަތަމަ ހަމަލާ ފެނުނީ މެކްސިކޯގެ ފަރާތުންނެވެ. އެ ގޮތުން، އެ ޓީމުގެ ފޯވާޑް، ރައުލް ހިމެނޭޒް ބޮލުން ފޮނުވާލި ބޯޅައެއް އިންގްލެންޑްގެ ގޯލު ކީޕަރު، ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
މަޑުމަޑުން މެޗުގެ ތެރެއަށް ވަން އިންގްލެންޑުން ވަނީ، ލިބުނު ފުރުސަތުތަކުގެ ބޭނުންހިފައި، 98 ސިކުންތުގެ ތެރޭގައި ދެ ގޯލު ޖަހައިފަ އެވެ. މި ލަނޑުތައް ޖެހީ ޖޫޑް ބެލިންހަމް އެވެ. އެ ގޮތުން، 36 ވަނަ މިނިޓްގައި ބެލިންހަމް ފުރަތަމަ ލަނޑު ޖެހީ ބުކާޔޯ ސަކާ ނެގި ހުރަހަކުން ބޮލުންނެވެ. އަދި، ދޮޅު މިިނިޓް ފަހުން، އަނެއް ލަނޑު ޖެހީ ހެރީ ކޭން ދިން ބޯޅައަކުންނެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ ކޮޅަށް ވަން ފުރަތަަމަ ގޯލުތަކެވެ.
އިންގްލެންޑުން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް، މެކްސިކޯ އިން ވަނީ ފުރަތަމަ ހާފުގެ ބާކީ އޮތް ވަގުތުގެ ތެރޭގައި ފަހަތުން އަރައި އެއްވަރުކުރެވޭހާ ފުރުސަތު ތަނަވަސްކޮށް، އޭގެއިން އެއް ބޯޅައިގައި ގޯލު ޖަހައިފަ އެެވެ. އެ ގޮތުން، މެކްސިކޯ އަށް ލަނޑު ޖަހައިދިނީ، ޖޫލިއަން ކިނޯނޭސް އެވެ. މިއީ، ހިލޭ ޖެހުމެއްގައި، އިންގްލެންޑްގެ ޑިފެންޑަރު، އެޒްރީ ކޮންސާ އަށް ރަނގަޅަށް ސަލާމަތްނުކުރެވުނު ބޯޅައެއް ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން ކިނޯނޭސް ޖެހި ގޯލެކެވެ.
މެކްސިކޯ އަށް ދެން ލަނޑު ޖަހައިދޭން ހިމޭނޭޒް ފޮނުވާލި އެއް ބޯޅަ ދަނޑިކައިރިން ދިޔައިރު، ބޮލުން ފޮނުވާލި ހަމަލާ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. އަދި، ހިމެނޭޒް ބޮލުން ޖައްސާލި ބޯޅައަކަށް ހުސްކޮށް އަރައި، މެކްސިކޯގެ ކެޕްޓަން، ސެޒާ މޮންޓޭސް ގޯލަށް ފޮނުވާލުމުގެ ކުރިން، ބެލިންހަމް ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، އިންގްލެންޑުން ތިން ވަނަ ލަނޑެއް ޖަހަން އުޅުމުގެ ތެރޭގައި، ނިކޯ އޯރައިލީ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވީ ބެލިންހަމް ފައިގައި ޖެހިފަ އެވެ. މި ހާފް ފެށިގެން އަށް ވަނަ މިނިޓްގައި، އިންގްލެންޑްގެ ޖަރަލް ކުއަންސާ އަށް ވަނީ ކުރި ނުރައްކާތެރި ފައުލަކަށް ރަތެއް ދައްކައިފަ އެވެ. މިއީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން މޮނީޓަރުން ބަލައިފައި ދެއްކި ރަތެކެވެ.
ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަަމަވެސް އެޓޭކަށް ޖެހިގެން އިންގްލެންޑުން ކުޅުމުގެ ނަތީޖާ އަކަށްވީ، 60 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ކޭން ޖެހި ލަނޑުން އިންގްލެންޑުން ދެ ގޯލުގެ ލީޑެއް ނެގުމެވެ. މި ޕެނަލްޓީ ދިނީ މެކްސިކޯގެ ކީޕަރު، ރެންގެލް އަރައި، އިންގްލެންޑްގެ އެންތަނީ ގޯޑަން އަށް ކުރި ފައުލަކަށެެވެ.
ދެ ގޯލުގެ ލީޑެއް އިންގްލެންޑުން ނެގިތާ ހަތް މިނިޓް ފަހުން، ކޭން، އިންގްލެންޑްގެ އޭރިއާތެރެއިން މެކްސިކޯގެ ބްރަޔަން ގުޓިއެރޭޒަށް ކުރި ފައުލަކަށް ވީއޭއާރް އިން ބަލައިފައި، މެކްސިކޯ އަށް ޕެނަލްޓީ އެއް ދިނެވެ. އެ ޕެނަލްޓީ ވައްދާލައި ހިމެނޭޒް ވަނީ މެކްސިކޯ އަށް ފަރަގުކުޑަކޮށްދީފަ އެވެ.
ބާކީ ވަގުތުތަކުގައި މެކްސިކޯ އިން އެޓޭކަށް ގިނަ ކުޅުންތެރިން ފޮނުވަން، ބަދަލުތަކެއް ގެނެސްގެން ކުޅުނުއިރު، އިންގްލެންޑުން ވަނީ ލީޑު ހިފަހައްޓަން ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.
މިއީ، އިންގްލެންޑުން އަޒްޓެކާ ސްޓޭޑިއަމްގައި ނޮކައުޓް މެޗަކުން މޮޅުވި ދެ ވަނަ ފަހަރެވެ. އަނެއްކޮޅުން، މެކްސިކޯ އިން އަމިއްލަ ގައުމުގައި ހޯސްޓްކުރި ތިން ވޯލްޑް ކަޕްގެ ތެރެއިން، ކުއާޓާ ފައިނަލާ ހަަމައަށް ނުގޮސް މި ކެޓީ ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން، 1970 އާއި 1986 ގައި މެކްސިކޯގައި ވޯލްޑް ކަޕް ބޭއްވިއިރު، އެ ޓީމުން ކުއާޓާގައި ކުޅުނެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި، ކުއާޓާ ފައިނަލުގައި އިންގްލެންޑުން ކުޅޭނީ ބްރެޒިލް ކަޓުވާލި ނޯވޭއާ އެވެ. މިއީ، ނޯވޭ އިން ވޯލްޑް ކަޕް ކުއާޓާގައި ކުޅޭ ފުރަތަމަ ފަހަރެވެ.
ފޯރިގަަދަ ކުރިމަތިލުމަކުން މެކްސިކޯ ބަލިކޮށްލައި އިންގްލެންޑް ކުއާޓާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ