ތަރިކަ ހިމާޔަތްކުރުމުގެ މަޝްރޫޢާއެކު އުތީމުގައި ލޯކަލް ޓޫރިޒަމް ފައްކާވާނެ

ތަރިކަ ހިމާޔަތްކުރުމަށް ހިންގޭ މަޝްރޫއުތަކާއެކު، ހއ. އުތީމުގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވެ ކުރިއަރާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކައަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ރަށަކީ އުތީމެވެ. އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޡަމް (ބޮޑުތަކުރުފާނު)ގެ ހަނދާންތަކާއި، އުތީމު ގަނޑުވަރު ފަދަ އާސާރީ ބިނާތައް ހުރުމުން، އެ ރަށަކީ ދިވެހިންނާއި ބޭރުގެ ފަތުރުވެރިންގެ މެދުގައި ނުހަނު މަޤްބޫލު މަންޒިލެކެވެ. މި މުއްސަނދި ތާރީޚުގެ ބޭނުން ހިފައި، ރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށް ކައުންސިލުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ފާހަގަކުރެއްވި ގޮތުގައި، ބޮޑުތަކުރުފާނުގެ ހަނދާންތައް ދިރުވައި އާލާކުރުމުގެ ގޮތުން ގިނަ މަޝްރޫއުތަކެއް އެ ރަށުގައި ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ބޮޑުތަކުރުފާނު ދޮރޯށްޓާއި، ކަނދުވަލު މިސްކިތް ހިމެނޭ ސަރަހައްދު އިތުރަށް ތަރައްޤީކުރުން ހިމެނެއެވެ. ޚާއްޞަކޮށް ބޮޑުތަކުރުފާނު ދޮރޯށީގެ މަސައްކަތަކީ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކާ ގުޅިފައިވާ ތަސައްވުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކަނދުވަލު މިސްކިތުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، އެއީ ބޮޑުތަކުރުފާނު ތުއްޕުޅުއިރުއްސުރެ ނަމާދުކުރެއްވި ތަން ކަމަށާއި، އެތަނުގައި ތަކުރުފާނުގެ ބައްޕާފުޅު ފަސްދާނުލެވިފައިވާ ކަމަށެވެ. އެ ސަރަހައްދަކީ ތާރީޚީ ގޮތުން އަގުނުކުރެވޭ ފަދަ ގިނަ އާސާރުތަކެއް އެކުލެވިގެންވާ ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އުތީމަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމުންގެ އަދަދު އިތުރުވަމުންދާއިރު، މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ އިޤްތިޞާދަށާއި ލޯކަލް ޓޫރިޒަމަށް އައު ދިރުމެއް ލިބޭނެ ކަމަށް ކައުންސިލް ރައީސް ޔަޤީންކަން ދެއްވިއެވެ.
"އޭރުން މިރަށަށް ޙާއްސަކޮށްގެން ލޯކަލް ޓުއަރިޒަމަށް އަދި މިރަށަކީ ބައިވަރު މީހުން ޒިޔާރަތްކުރާ ރަށަކަށްވާއިރު ރަށުގެ ވެށި ވަރަށް ބޮޑައް ހިއްފަސޭހަވެގެންދާނެ. އަދި ރަށައް އަރާ ފަރާއްތަކަށާއި ރަށުގެ އިސްރައްވެހިންނާއި ކުޑަކުދިންނަށް ހިތްފަސޭހަ މައިޒާންތަކަކަކަށް ތަރައްޤީވެގެން އެދަނީ. އެތަނުގައި ދިވެހި ބޭސްވެރިކަމުގެ ގަސްތަކެއް އިނދިގެންދާނެ، އަދި ބޮޑުތަކުރުފާނުގެ ވާހަކަ ދެބަހުން މައުލޫމާތު ބޯޑުތައް ހަރުކުރެވިގެންދާނެ" ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އުތީމަކީ މިހާރުވެސް ފަތުރުވެރިންގެ ތެރޭގައި މަގުބޫލު ރަށެކެވެ. އެރަށުގެ ގަދީމީ އެކި ބިނާތައް ބަލާލުމަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެރަށުގައި މިހާރު ހިންގަމުންދަނީ 2 ގެސްޓުހައުސްއެވެ. އަދި މިއަހަރުގެތެރޭގައި އެރަށުގައި 64 ކޮޓަރީގެ ސިޓީ ހޮޓަލެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ