މަސްވެރިކަމަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ ލޭނާރުގެ ގޮތުގައި އެތައް އަހަރުތަކެއްވަންދެން އޮތް ދިވެހީންނަށް އެތައް މަންފާތަކެއް އެކި ގޮތްގޮތުން ލިބެމުންދިޔަ ސިނާޢަތެކެވެ. ނަމަވެސް މިހާރު މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އެތައް ގިނައެވެ. ޚާއްސަގޮތެއްގައި އެތައް ބަޔަކު އާމްދަނީ ހޯދަން މަސައްކަތްކުރި މި ސިނާއަތަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ގިނަގުނަ މަސައްކަތްތަކެއް މިވަނީ ކުރަންޖެހިފައެވެ.
މީގެ 2 އަހަރެއްހާ ދުވަސް ކުރިން މަސްވެރިންނަކީ ވަޒީފާއެއް އަދާކުރާ ބައެއް ކަމުގައި ގަބޫލުކުރާ މީހުން މަދެވެ. މަސްވެރިކަމަކީ ހަމައެކަނި ވަކި އުމުރެއްގެ ވަކި ބަޔަކު ކުރާ މަސައްކަތެއްގެ ގޮތުގައި އޮތީ ބެލެވިފައެވެ. ވެހޭހާ ވާރެއެއްގައި، ދޭހާ އަތްވެއްގައި، ބަންދެއް ޢީދެއް ނެތި ދުވާލު ހަތަރުދަމު މާސިންގާ ކަނޑުގައިމަސްވެރިން ބުރަކޮށް އުޅެގެން ބާނާ މަހަށް އުޖޫރަލިބުން ދާދި ފަހަކާ ޖެހެންދެން އޮތީ ބޮޑޫ ތަކުލީފެއްގެ ގޮތުގައެވެ.
މިފަދަ އެތަށް ސަބަބުތަކާހެދި އޭރު މަސްވެރިކަމުގައި އުޅުނު ޒުވާނުންނާއި އެނޫންވެސް އުމުރުފުރާތަކުގެ ގިނަ ބަޔަކު މަސްދޯނިތަކުން ފައިބައި އާމްދަނީ ލިބޭނެ އެހެން ގޮތަކެއް ހޯދިއެވެ. އެއާއެކު މުޅި މަސްވެރިކަމުގެ ސިނާއަތައްވެސް ހީނަރުކަން އައެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަވެސް މި ސިނާއަތް ކުރިއަރުވައި، މަސްވެރިންނާއިި އިޤްތިޞާދަށްވެސް މަންފާކުރާނެ ގޮތްތަކެއް ހޯއްދަވަން ފެއްޓެވިއެވެ. އެކަންކަން ކުރުވީ ކަމާ ގުޅުންހުރި ވުޒާރާތަކާއި ކުންފުނިތަކާއެކު ފެއްޓެވި މަސައްކަތްތަކުންނެވެ. ބޭނުންމަކަށްވީ މަސްވެރިންނަކީވެސް އެހެން ވަޒީފާތައް އަދާކުރާ މީހުންނެކޭ އެއްގޮތަށް ދަޢުލަތް ދަންނަ ބަޔަކަށް ހެދުމާއި، ސިނާއަތް ކޮޅަށްޖެހުމެވެ.
"މަޑުމަޑުން އެބަ ރަނގަޅުވޭ. އަޅުގަނޑުމެން މަސްވެރިންގެ ދަފްތަރެއް އެކުލަވާލާ މާލީ ނިޒާމާއި އިންސްޓިޓިއުޝަންތަކުން ބަލައިގަންނަ ބަޔަކަށް މަސްވެރިން ހެދީ. އޭގެ ކުރިން މުޅި އުމުރު މަސްވެރިކަމުގައި ހޭދަކުރިޔަސް އެކަން ދައުލަތަކަށް ނޭނގޭ. މިހާރު މަސްވެރިންނަށް ބޭންކިންގ އަދި ފައިނޭންސިންގ ފަދަ ޚިދުމަތްތައް ލިބުން ފަސޭހަ". ނޫސްވެރިންގެ ބައްދަލުވުމެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް ވީހާވެސް ގާތުން އަޑުއައްސަވައި، ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިފަދައިން ކުރި އެއް މަސައްކަތަކީ، މަސް ކިރާ ވަގުތުން ފެށިގެން ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. 2024ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ފެށި މި ޤައުމީ 'މަޝްރޫއު'ގެ ދަށުން މިހާތަނަށް މަސްވެރިންނަށް 1.182 ބިލިޔަން ރުފިޔާ މަސްވެރިންނަށް މިވަނީ ދޫކޮށްފައެވެ.
މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ތަފާސްހިސާބުތަކަށް ބަލާއިރު 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ އަހަރު ނިމުމާ ހަމައަށް މަސްވެރިންނަށް 41.5 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އޭގެ ޖެހިގެންއައި 2025 އަހަރު މަސްވެރިންނަށް ރެކޯޑު އަދަދަކަށް މަސްވެރިންނަށް ރުފިޔާ ދޫކޮށްފައިވެއެވެ. އެއީ މުޅު ޖުމްލަ 931.4 މިލިޔަން ރުފިޔާއެވެ. އަދި މި އަހަރުގެ މިހާތަނަށް މަސްވެރިންނަށް 209.5 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މަސްވެރިން މާލީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި ހަމައެކަނި 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކުން ހުއްޓާލީކީ ނޫނެވެ. ރައީސްގެ ރިޔާސީ ވަޢުދާއި އެއްގޮތަށް މަސްވެރިން ބާނާ މަހަށް ހެޔޮ އަގެއް ހޯދައިދިނުމަށްވެސް މަސައްކަތް ކުރީއެވެ. އެގޮތުން މިފްކޯގެ ކެޕޭސިޓީއަށް ގެންނަ ހެޔޮ ބަދަލުތަކާއެކު މަސް ގަންނަ އަގު ކިލޯއެއް 20 ރުފިޔާއަށް އިތުރުކޮށް އެ އަގުގައި މަހުގެ އަގު ހިފެހެއްޓުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަމަށް މަސް ރައްކާކޮށް، ވެލިޔު އެޑްކުރެވޭނެ ގޮތްތައް އިތުރުކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
"މިކަމުގައި އަބަދުވެސް މަސައްކަތް ކުރަން ބޭނުންވަނީ މަހުގެ އަގު ހިފެހެއްޓޭނެ ގޮތަކަށް. 20 ރުފިޔާގެ ރެޓުގައި. އެހެންނަމަވެސް އެންމެ ދަށްކޮށްވިޔަސް 18 ރުފިޔާއަށްވުރެ ކުޑަނުވާނެގޮތަށް މަސްވެރިކަމުގެ ސިނާއަތުގެ ކަންކަން ސަރުކާރުން ތަންފީޒުކުރަމުންގެންދާނަން. އަމާޒަކީ އަބަދުވެސް 20 ރުފިޔާގައި ހިފެހެއްޓުން. އަދި އެއަށްވުރެ މައްޗަށްވެސް ގެންދެވޭ ވަރުވީމަ ގެންދިއުން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ މަހަށް ހެޔޮ އަގެއް ފޯރުކޮށްދިނުމަށްޓަކައި މި ސަރުކާރުން ކުރެއްވި މައިގަނޑު އަނެއް މަސައްކަތަކީ ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓުކުރާ ގައުމުތަކާއެކު ޓެރިފް ކަނޑާލުމުގެ މަޝްވަރާތައް ކުރުމެވެ. ކުރީ ސަރުކާރުތަކުންވެސް މިފަދަ މަޝްވަރާތައް ކުރިއެއްކަމަކު މިކަމުން ނަތީޖާއެއް ހާސިލްކުރެވިފައިވަނީ މި ސަރުކާރަށެވެ. އެގޮތުން އިނގިރޭސިވިލާތުން ރާއްޖޭއިން އެކްސްޕޯޓުކުރާ މަހަށް ނަގަމުން އައި ޓެރިފް ކަނޑާލުމަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ.
އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރު ކުރުމަށް ދައްކަމުން އައި %20ގެ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް ވަނީ މެދުކެނޑިފައެވެ. މިހާތަނަށް، އިނގިރޭސިވިލާތުގެ ބާޒާރަށް ކަނޑުމަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ ދިހަ ޤައުމުގެ ތެރެއިން ހަތް ޤައުމު ކަމަށްވާ އިކުއެޑޯ، މޮރިޝަސް، ސީޝެލްސް، ގާނާ، ފިލިޕީންސް، ސްޕެއިން އަދި ނެދަލޭންޑްސްއަށް އެއްވެސް އިމްޕޯޓް ޑިއުޓީއަކާއި ނުލައި ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރެވެއެވެ.
ދިވެހިރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި، 18 މިލިޔަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް ބޭރު ކުރެއެވެ. އިނގިރޭސިވިލާތުން ނިންމި މި ނިންމުން ދާއިމީ ކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް މެދުނުކެނޑި ދިވެހިރާއްޖޭގެ ފަރާތުން ކުރިއަށް ގެންދާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ އެއްގޮތަށް މަސްވެރިންނަކީވެސް ބޭންކިންގ ނިޒާމުގެ ތެރެއިން އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ފަހިކޮށްދިނެވެ. އަދި މިހާތަނަށް މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 90އަށްވުރެ ގިނަ މަސްވެރިންނަށް ލޯނު ދޫކޮށްފައިވެއެވެ.
މަސްވެރިންނަކީވެސް މާލީ ގޮތުން ބާރުވެރިބަޔަކަށް ހެދުމަށް ފަރު މަސްވެރިކަން ކުރަން ލޯނު ލިބޭނެ އިންތިޒާމުވެސް ހަމަޖެއްސިއެވެ. އަދި އައިސް ލިބުމުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސް ދެއްވުމަށް ދޯނިފަހަރުގައި އާރު.އެސް.ޑަބްލިއު ސިސްޓަމް ހަރުކުރުމަށްވެސް މި ސަރުކާރުން ދަނީ އެކި ސްކީމުތަކުގެ ނަމުގައި ލޯނު ދޫކުރަމުންނެވެ.
ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތް ކުރައްވަމުންދާއިރު، މި ސިނާޢަތުން ލިބޭ ނަފާ އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެސް މި ސަރުކާރުން ދަނީ، މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢާތް ސިންދަފާތު ކުރުމަށް ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހި ފިލުވުމަށް ކުރާ މަސްވެރިކަން ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ކަނޑުފަޅުން ލިބޭ ނަފާ އިތުރު ކުރުމަށް މުޅިން އައު ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ އަދި އެކުއަކަލްޗަރ ދަނީ ތަރައްޤީ ކުރަމުންނެވެ.
ސިނާއަތު ކުރިއަރުވައި މަސްވެރިން މާލީ ގޮތުން ބާރުވެރިބަޔަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ