މީޑިއާ ނެތިކޮށްލާ ބިލުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ މީޑިއާ ނެތިކޮށްލާ ބިލުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ

މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ފަހަތުގައި އޮވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބާރު، ބިލު ފަރުމާކޮށްފައި އޮތް ގޮތުން ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އޯގަސްޓު 18، ގައި ހުށަހެޅި ބިލު ފަރުމާކޮށްފައި އޮތީ މުޅި މީޑިއާގެ ކޮންޓްރޯލް ރައީސް މުހައްމަދު މުއިއްޒަށް ލިބޭ ގޮތަށެވެ. ސަރުކާރުން ބޭނުންވެއްޖެ ނަމަ، ނޫސްވެރިންނާއި ނޫސްތައް ޖޫޫރިމަނާކޮށް، ހުއްޓުވައި، ރެޖިސްޓްރޭޝަން ވެސް ބާތިލު ކުރެވޭނެ އެވެ.
އެ ބިލުގެ 60 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ބިލުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ "މި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް އެ މީޑިއާއަކާ ގުޅޭ ނިސްބަތަކުން ހިނގާނެ" ކަމަށެވެ.
އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް އެ ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި ވެސް މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަށް ހުރަސްއެޅޭނެ އެވެ. ބިލުގެ 40 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން، ދޮގަކަށް ވެދާނެ ފަދަ މައުލޫމާތެއް ވެސް ނޫހެއްގައި ޖެހުމަކީ ކުށެކެވެ.
ތެދު މައުލޫމާތު، ދޮގެއް ކަމަށް ބެލެވޭ ގޮތަށް ގެނެސްދިނުމަކީ ވެސް ބިލުގެ ދަށުން ކުށެކެވެ. އަދި ތެދު މައުލޫމާތު ހިފެހެއްޓުމަކީ ވެސް ބިލުގެ ދަށުން ކުށެކެވެ.
ނޫހުގައި ޝާއިއު ކުރާ މައުލޫމާތަކީ ދޮގަކަށް ވެދާނެ މައުލޫމާތުކަން ކަނޑައަޅާނީ މުއިއްޒަށް ފަސޭހައިން ކޮންޓްރޯލް ނެގޭ ގޮތަށް ބިލުގެ ދަށުން ހަދާ ކޮމިޝަނަކުންނެވެ. އެހެންކަމުން ނޫސްތަކާއި ސޯޝަލް މީޑިއާގައި ލިޔާ އެއްޗަކުން، ވަރަށް އަވަހަށް ކުށްވެރިވުމުގެ ފުރުސަަތު އޮންނާނެ އެވެ.
އެ ބިލުގެ ދަށުން ހަދާ ހަތް މެންބަރުންގެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކުރާތީ މުއިއްޒެވެ. ބާކީ ހަތަރު މަގާމަށް މެންބަރުން އައްޔަން ކުރާތީ ހޮވާލެވޭ މީޑިއާތަކެއްގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ. އެ އިންތިހާބުގައި މުއިއްޒުގެ ކޮންޓްރޯލް އޮންނަ ޕަބްލިސް ސާވިސް މީޑިއާގެ މުވައްޒަފުންނަށް ވެސް ވޯޓު ލެވޭނެ އެވެ. އެހެންކަމުން މީޑިއާ ސްލޮޓުތައް ވެސް ކާމިޔާބު ކުރުމުގެ ފުރުސަތު މުއިއްޒަށް ބޮޑެވެ.
މީޑިއާ ރެގިއުލޭޓު ކުރަން ކަމަށް ބުނެ ހަދާ ކޮމިޝަނެއްގައި މުއިއްޒު އައްޔަން ކުރާ ބަޔަކު ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. މީޑިއާ އާއި ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ ސަބަބެއް ވެސް ބިލުގައި ބުނެފައެއް ނުވެ އެވެ.
އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ. ގިނަ ބަޔަކު ބުނަނީ، މިއީ އެފަދަ ބިލެއް ހުށަހެޅި ދެ ވަނަ ފަހަރު ކަމުން މި ފަހަރު އެ ބިލު ފާސް ކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅި ފަހުން، މުއިއްޒު ގެންދަވަނީ މީޑިއާއާ ގުޅޭ ގޮތުން ދޮގު ފަތުރައި، ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަވަމުންނެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރުޅިވެރިކަން މީޑިއާތަކަށް އަމާޒުކޮށްފަ އެވެ.
"މި ހޯލު ތެރޭގަ މި ތިބީ އެންމެން. މިސާލެއްގެ ގޮތުގަ މިކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވާލާނަން. ތީގެ ތެރެއިން ބޭފުޅަކު ތިމަންނަގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ މިތާ ތެދުވެ އިއުލާނުކޮށްލަންވީ މިތާ ބޮމެއް އެބަ އޮތޭ. [އެހެން] ކިޔާފަ ހަޅޭލަވައިލައްވަންވީ. އެއީ މިނިވަންކަންތޯ. ދެން އެހެން މީހުންގެ ހައްގުތަކަށް އެ ހިސާބުން ވާނީ ކިހިނެއްތޯ،" މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ