ފޯޖުކުރި ސަނަދާއެކު މުހިންމު ދާއިރާތަކުގައި އުޅޭ، ވަޒީފާތަކުގައި ތިބި މީހުންގެ ސަނަދު ވެރިފައި ކުރާވަރު ވެއްޖެ: ފިޒާނާ

ވަގު ސަނަދާއެކު މުހިންމު ދާއިރާތަކުގައި ބައެއް މީހުން މަސައްކަތް ކުރަމުންދާ ކަމަށާއި، ވަޒީފާތަކުގައި ތިބި މީހުންގެ ސަނަދު ވެރިފައި ކުރާވަރުވެއްޖެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން (އެމްކިއުއޭ)ގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ. ފުލުހުން މިއަދު ވަނީ، ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ކުރިމަތިލާން ހުށަހަޅާ މީހުންގެ ތެރެއިން ވަގު ތައުލީމީ ސެޓުފިކެޓުތައް ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށް ބުނެފައެވެ. މިއީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މި ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ޚިދުމަތްތަކުގެ ފެންވަރާއި އިލްމީ މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. https://sun.mv/210370 ފުލުހުން އާންމުކުރި މައުލޫމާތާ ގުޅުވައި ފިޒާނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިދިޔަ ހަފުތާ ތެރޭގައި އެ އޮތޯރިޓީއަށް ފޯޖުކޮށްފައިވާ ސަނަދެއް ލިބިފައިވާ ކަމަށާއި އެ މައްސަލަ އަންނަ ހަަފުތާގައި ފުލުހަށް ހުށަހަޅާނެ ކަމަށެވެ. މި މައްސަލައިގައި އެންމެ ދެރަވަނީ، ފޯޖުކޮށްފައިވާ ސަނަދާ އެއްކޮށް މުހިންމު ދާއިރާތަކުގައި މީހުން ވަޒީފާތަކުގައި އުޅޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. ފިޒާނާ ވިދާޅުވީ މިފަދަ ވަގު ސަނަދުތަކަށް މަގުހުޅުވުނީ 2017ގައި އެމްކިއުއޭއިން ރާއްޖޭގައި ހިންގާ ކޯސްތަކުގެ ސަނަދުގައި ސްޓޭމްޕު ޖެހުން ހުއްޓާލުމާ ގުޅިގެން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެ އޮތޯރިޓީއާ މަޝްވަރާކޮށް، ގެންގުޅުން ނުރަނގަޅު އުސޫލެއްގެ ސަބަބުން ކަމަށެވެ. އެހެންވެ، މިދިޔަ އަހަރުގެ ތެރޭގައި އެ އުސޫލު އެމްކިއުއޭއިން ހުއްޓުވާފައިވާކަން އޭނާ ހާމަކުރެއްވިއެވެ. އަދި 2017ގެ ޕްރޮގްރާމް އޮޑިޓް އަލުން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޒާނާ ވިދާޅުވިއެވެ. އެގޮތަށް އަލުން ބަލާއިރު ވަގު ސަނަދެއްގެ މައްސަލަ ފާހަގަވެއްޖެ ނަމަ އެ ސަނަދެއް ބާތިލުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރުވެސް ވާނީ މިގޮތަށް ފެނުނު ސަނަދު ބާތިލުކޮށް ފުލުހުންނަށް ހުށަހަޅައިފަ. ހަގީގަތުގައި ވެސް މިހާރު ވަޒީފާގައި ތިބި މީހުންގެ ސަނަދު އަލުން ވެރިފައިކުރާ ވަރުވެއްޖެއެމްކިއުއޭގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި ވަގު ސެޓިފިކެޓާއި ލިޔުން ތައްޔާރުކުރުމަކީ ގާނޫނީ ކުށެއް ކަމަށްވާއިރު، މީގެ ދެ ހަފުތާއެއް ކުރިން އެމްކިއުއޭއިން ވަނީ، އެ އޮތޯރިޓީގެ ޕްރޮގްރާމު އޮޑިޓު ނުހަދައި، ގްރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދު ދޭ ތިން މަރުކަޒަކަށް އެކަން ހުއްޓާލަން އަންގައި ނޯޓިސް ދީފައެވެ. ފުލުހުން މިއަދު ވަނީ، ވަގު ސަނަދު ހެދުމުގެ މައްސަލައަށް ވަޒީފާދޭ ތަންތަނުންނާއި ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށާއި، ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. ފުލުހުން އެފަދައިން ބަޔާނެއް ނެރުނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله އަރީފްގެ ސޮއި ފޯޖުކޮށްގެން ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް ބުނާ ލިއުމެއް ތައްޔާރުކުރި މައްސަލައެއް ބާ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހަށް ހުށަހަޅާފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ