އިންޑިއާ ފަތުރުވެރިން އިތުރުކުރަން ސީދާ ދަތުރުތައް އިތުރުކުރަނީ
އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ދެ ގައުމުގެ ދެމެދު ކުރާ ސީދާ ދަތުރުތައް އިތުރުކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މަޝްވަރާކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ ދެ ގައުމުގެ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ދެ ބޭފުޅުން ދެއްވި ބަޔާނުގައި ރައީސެވެ. އިނގިރޭސިބަހުން ދެއްވި ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި އަވައްޓެރި އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މުހިންމު އެއް މާކެޓެވެ. މިގޮތުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ އެއް ގައުމަކީ އިންޑިއާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "ޑައިރެކްޓް ފްލައިޓްތައް ދެ ގައުމުގެ ދެމެދު އިތުރުކުރުން ހިމެނޭހެން އެއްބާރުލުން އިތުރުކޮށްގެން ދިވެހިރާއްޖޭގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރެވޭނެ ގޮތްގޮތާ މެދު މަޝްވަރާކުރެވުނު،" ރައީސް ވިދާޅުވިއެވެ. އިންޑިއާއަކީ 2020، 2021، 2022 އަދި 2023ގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ. ނަމަވެސް އިންޑިއާއާ ދުރު ސިޔާސަތެއް ގެންގުޅޭ ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ވެރިކަމަށް އައިސް، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވިއެވެ. އެ މައްސަލައިގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލައި، އިންޑިއާގެ މަޝްހޫރު ތަރިން ބައިވެރިވެގެން ކެމްޕޭނެއް ކުރިއަށްގެންދިޔައެވެ. އޭގެ ފަހުން އިންޑިއާވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަވަނައަށް ވެއްޓިފައެވެ. އެ މައްސަލަ ޖެހުނު ފަހުން މި ސަރުކާރުން ވަނީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކޮށް، ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާއިން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 73،456 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މި އަހަރު އިންޑިއާ އޮތީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަ ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ