ޕާކިސްތާނު ބައެއް ފިލްމީ ތަރިންގެ ސޯޝަލް މީޑިއާ އެކައުންޓުތައް އިންޑިއާގައި ހުއްދަކޮށްފި

ޕާކިސްތާނު ބައެއް ފިލްމީ ތަރިންގެ ސޯޝަލް މީޑިއާ އެކައުންޓުތައް އިންޑިއާގައި ހުއްދަކޮށްފިއެވެ. މިދިޔަ އޭޕްރިލް މަހު ކަޝްމީރުގެ ޕަހަލްގަމްއަށް ދިން ހަމަލާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއިރު އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރީ ޕާކިސްތާނުގެ ފިލްމީ ތަރިންނަށެވެ. މި ހަމަލާ އަކީ ޕާކިސްތާނުން އަޑީގައި ތިބެ ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށް އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް 'އޮޕަރޭޝަން ސިންދޫރު'ގެ ނަމުގައި އަސްކަރީ ހަރަކާތެއް ފަށައި ދިން ހަމަލައިގައި، ޕާކިސްތާނުގެ ކުށެއް ނެތް ގިނަ ބަޔަކު މަރުވިއެވެ. މި ހަމަލާތަކާ ދެކޮޅަށް ޕާކިސްތާނުގެ ފިލްމީ ތަރިން ސޯޝަލް މީޑިއާގައި އަޑު އުފުލަން ފެށުމާ އެކު އެ ޤައުމުގެ ތަރިންގެ ކޮންޓެންޓްތައް އިންޑިއާގައި ދެއްކުން މަނާކޮށް ޕާކިސްތާނު ފިލްމީ ތަރިންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް އިންޑިއާގައި ބޭންކުރިއެވެ. ޕާކިސްތާނުންގެ ފިލްމީ ތަރިންގެތެރެއިން ބައެއް ފަންނާނުންގެ ސޯޝަލްމީޑިއާ އެކައުންޓުތައް އަދިވެސް ވަނީ އިންޑިއާގައި މަނާކޮށްފައި. އޭގެތެރޭގައި މާހިރާ ޚާން، ހާނިއާ އާމިރު އަދި ފަވާދު ޚާން ހިމެނޭ--ފޮޓޯ/އާޖްތަކް ނަމަވެސް އޭގެ ތިން މަސް ފަހުން އިންޑިއާއިން މި ވަނީ ޕާކިސްތާނު ފިލްމީ ތަރިންގެ ސޯޝަލް މީޑިއާ އެކައުންޓުތައް އިންޑިއާގައި ތިބޭ މީހުންނަށް ފެންނަގޮތް ހަދާފައެވެ. އޭގެތެރޭގައި ޕާކިސްތާނު ފިލްމީ ތަރިން ކަމަށްވާ މާވްރާ ހޮސެއިން، ސަބާ ގަމަރު، އަހަރު ރަޒާ މިރު، ޔުމްނާ ޒައިދީ އަދި ދާނިޝް ތައިމޫރު ހިމެނޭއިރު އިންޑިއާގެ ގިނަ ބަޔަކު ތާއީދުކުރާ ޕާކިސްތާނުގެ ބައެއް ފަންނާނުންގެ ކޮންޓެންޓްތައް އަދިވެސް އިންޑިއާގައި ވަނީ މަނާކޮށްފައެވެ. އޭގެތެރޭގައި ލަވަކިޔުންތެރިޔާ އާތިފް އަސްލަމް، އެކްޓަރުން ކަމަށްވާ ފަވާދު ޚާން، މާހިރާ ޚާން އަދި ހާނިއާ އާމިރު ހިމެނެއެވެ. މިއީ ބޮލީވުޑަށް ވެސް ތައާރަފުވެފައިވާ ފިލްމީ ތަރިންތަކެކެވެ. ޕާކިސްތާނުގެ ބައެއް ފިލްމީ ފަންނާނުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް އިންޑިއާގައި ފެންނަގޮތަށް ބަދަލުގެނެސްފައިވާއިރު ޕާކިސްތާނު ބަތަލާ ހާނިއާ އާމިރު ބޮލީވުޑަށް ތައާރަފުވާ ފިލްމު "ސަރުދާރު ޖީ"ގެ މައްސަލަ އޮތީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މީގެއިތުރުން މި ހަމަލާއަށްވުރެ މާކުރިން މަސައްކަތް ނިމި ސިނަމާތަކަށް ގެންނަން ތައްޔާރުވި އެކްޓަރު ފަވާދު ޚާން އަދި އިންޑިއާގެ ބަތަލާ ވާނީ ކަޕޫރުގެ ފިލްމު "އަބީރު ގުލާލް" ވެސް ވަނީ ރިލީޒްކުރުން ފަސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ