ހެކި ނެތް ކަމަށް ބުނެ ފުލުހުން ފައިލްކުރި ޕީއެންސީ ވަގު ފޯމު މައްސަލަ އަލުން ތަހުގީގު ކުރަން އަމުރު ކޮށްދޭން އެދިއްޖެ ހެކި ނެތް ކަމަށް ބުނެ ފުލުހުން ފައިލްކުރި ޕީއެންސީ ވަގު ފޯމު މައްސަލަ އަލުން ތަހުގީގު ކުރަން އަމުރު ކޮށްދޭން އެދިއްޖެ

ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުގެ މައްސަލަ އަލުން ތަހުގީގު ކުރަން އަމުރު ކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ތޯރިގު އެދިވަޑައިގެންފި އެވެ.
ޕީޖީ އޮފީހަށް ތޯރިގު މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ފައިލް ކުރިއިރު، އެ ފޯމުގައި ސޮއި ކޮށްފައި ވަނީ ކޮންބައެއްކަން ސާފުކޮށް އެނގެން އޮތް ކަމަށެވެ. އަދި އެ ފޯމުގައިވާ މައުލޫމާތު ސައްހަތޯ ބަލައި ޕީއެންސީގެ ފަރާތުން ފޯމުގައި ސޮއިކޮށްފައި ވަނީ ކާކުކަން ވެސް ސާފުކޮށް އެނގެން އޮތް ކަމަށް ތޯރިގުގެ ސިޓީގައި ބުނެފައިވެ އެވެ.
"[އެ ފޯމަކީ] ވަގު ފޯމެއްކަން ފުލުހުން ނިންމާފައިވާއިރު، އެ ފޯމުގައި ދޮގު ހެކި ދީފައި ވަނީ ކޮން ފަރާތެއްކަން ހާމަވާން އޮތުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ ބަހެއް ނެތި މި މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާ ކަމަށް ނިންމިދާނެ ކަމަށް ގަބޫލެއް ނުކުރަމެވެ،" ތޯރިގު ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
"މިހާ ސާފުކޮށް އޮތް މައްސަލައެއްގައި އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ މައްސަލަ ފައިލްކުރީ މިކަމުގައި ޒިންމާވާން ޖެހެނީ މިއަދުގެ ސަރުކާރު ހިންގާ ޕާޓީ ކަމަށް ވާތީ މިކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެގެން ކަމަށް ދެކެމެވެ،"
ތޯރިގުގެ ސިޓީގައި އެދިފައި ވަނީ އޭނާގެ ނަމުގައި ޕީއެންސީން ހުށަހެޅި ވަގު ފޯމުގެ މައްސަލަ އަލުން ތަހުގީގު ކުރުމަށާއި އެ މައްސަލައިގައި ޝާމިލުވާ އެންމެހާ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ. އަދި އޭނާގެ ނަމުގައި ހުށަހަޅާފައިވާ ވަގު ފޯމުގައި ހެކިންގެ ގޮތުގައި ސޮއި ކުރި މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ވެސް ތޯރިގުގެ ސިޓީގައި އެދިފައިވެ އެވެ.
ތޯރިގުގެ ނަމުގައި ވަގު ފޯމެއް ޕީއެންސީން އިލެކްޝަނަށް ހުށަހެޅި މައްސަލަ ފުލުހުން ބަލައި ނިންމައި މިދިޔަ އަންގާރަ ދުވަހު އޭނާއަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ ތޯރިގުގެ ނަމުގައި ޕީއެންސީން އިލެކްޝަނަށް ހުށަހެޅި ފޯމަކީ ސައްހަ ފޯމެއް ނޫންކަން ފުލުހުންގެ ތަހުގީގަށް އެނގުނު ކަމަށެވެ. އަދި އެކަން ފުލުހުންގެ މުއައްސަސާއިން އިލެކްޝަންސް ކޮމިޝަނަށް އެންގި ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.
ނަމަވެސް އެ ލިޔުން ނިންމައިލަމުން ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ޖިނައީ ދައުވާއެއް އުފުލޭ ވަރުގެ ހެކި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށެވެ.
"[އިލެކްޝަންސް ކޮމިޝަނުން] ފޯމު ހުށަހަޅާފައިވާ ސިޔާސީ ޕާޓީ 5000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އަންގާފައި ވާތީ އާއި މި މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ މި ހިދުމަތުގައި މައްސަލަ ފައިލް ކުރެވިފައިވާ ވާހަކަ ދެންނެވިން،" ފުލުހުންގެ ލިޔުމުގައި ބުންޏެވެ.
ފުލުހުން ބުނެފައި ވަނީ ތޯރިގުގެ ނަމުގައި ޕީއެންސީން ހުށަހެޅި ފޯމުގައިވާ އިނގިލީގެ ނިޝާނާއި ތޯރިގުގެ އިނގިލީގެ ނިޝާނާ ދިމާ ނުވާ ކަމަށެވެ. އަދި އެ ފޯމުގައިވާ އިނގިލީގެ ނިޝާން ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް އިނގިލީގެ ނިޝާނަކާ ދިމާ ނުވާ ކަމަށެވެ.
ތޯރިގުގެ ނަމުގައި ވަގު ފޯމެއް ޕީއެންސީން އިލެކްޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު 22، ގަ އެވެ. އެ ފޯމު އިލެކްޝަނުން ބަލައިގެންއިރު، އެ ފޯމުގައި ޖަހާފައި ވަނީ ވެސް ތޯރިގުގެ ފޮޓޯއެއް ނޫނެވެ. ނަމަވެސް އިލެކްޝަނަށް ހުށަހަޅާ ފޯމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހެ އެވެ.
ޕީޖީ އޮފީހަށް ތޯރިގު މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭނާގެ ނަމުގައި ހުށަހަޅާފައިވާ ފޯމުގައި އޮތް ފޮޓޯ އާއި ސޮއި އޭނާގެ އައިޑީކާޑުގައި އޮންނަ ފޮޓޯ އާއި ސޮއި އާ ސާފުކޮށް އެނގޭ މިންވަރަށް ތަފާތުކަން އެނގޭއިރު، އެ ފޯމު އިލެކްޝަނުން ބަލައިގަނެ ޕްރޮސެސް ކުރުމުން އެނގެނީ ވަގު ފޯމުތަކުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ޕީއެންސީ އާއި އިލެކްޝަންސް ކޮމިޝަން ގުޅިގެންކަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ